ކޯވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓަރ ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަޤާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ އަދި ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުޙައްމަދު ވިދާޅުވެއްޖެއެވެ.،

ނިޝާމާ މިގޮތަށް ވިދާޅުވީ މިއަދު އޭނާ އާންމު ކުރެއްވި ނޫސް ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ނިޝާމާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އޯޑިޓް ރިޕޯޓާގުޅޭގޮތުން އެކިއެކި ފޯރަމްތަކުގައި ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ވަކިބަޔަކު ބަދުނާމުވާގޮތަށް ވާހަކަތައް ދައްކަމުން ދާ ކަމަށެވެ.

Ad
rt

މުޅިދުނިޔެއަށް ޕަބްލިކް ހެލްތު ޕެންޑަމިކް އެމަރޖެންސީގެ ޙާލަތު ކުރިމަތިވެފައި ވުމާއި، ދުނިޔޭގެ ޤައުމުތަކުގައި ކޯވިޑް ބަލިޖެހޭމީހުން ފަރުވާކުރާ އެންމެ މުހިންމު ވަޞީލަތަކީ ވެންޓިލޭޓަރ ކަމަށްވެފައި އަދި ވެންޓިލޭޓަރ ހޯދުމުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް ވެންޓިލޭޓަރގެ ޑިމާންޑް ބޮޑުވެ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.25 ގެ (ރ) ގެ 2 އަދި 4 ނަންބަރުގައިވާ ގޮތުގެ މަތީން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން 75 ވެންޓިލޭޓރ އެގްޒިކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި ޙަވާލުކުރުމަށް ބިޑްކޮމިޓީއިން ނިންމާފައިވަނީ، މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާހުރިތޯ ބެލުމަށްފަހު މަސައްކަތް ހަވާލުކޮށްގެން
ކުރިޔަށްދިއުމަށް ކަމަށް ނިޝާވަނީ އެބަޔާނުގައި ވިދާޅު ވެފައެވެ.

"ހަމައެއާއެކު، މިނިސްޓަރ އޮފް ހެލްތު ޑަބްލިއު.އެޗް.އޯގެ ރެޕްރެޒެންޓޭޓިވް މެދުވެރިކޮށް ހޯއްދަވާފައިވާ ފަރާތެއް
ކަމަށްބުނެ ބިޑުކޮމިޓީއަށް ހުށައަޅާފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވުމާއި، މީގެ އިތުރުން މިނިސްޓްރީގެ ބިޑް ކޮމެޓީގެ ފަރާތުން ޑަބްލިއު.އެޗްއޯ ކަންޓްރީ އޮފީހުން އިތުރަށް މަޢުލޫމާތު ސާފުކޮށް އަދި ފައިނޭންޝިއަލް އެގްޒެކްޓިވް ބިޑްކޮމިޓީއަށް ހާޒިރުކޮށް ދެއްވި މަޢުލޫމާތުގެ މައްޗަށް ބުރަވެ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީ ނަންބަރ 33/23/2020/113-13 ން މިނިސްޓަރ އޮފް ފިނޭންސް އެޕްރޫވަލް ދެއްވަވައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން ކުރިޔަށްގެންދިއުމަށް އަންގަވާފައިވުމާއެކު، ކޮންމެހެން ހޯދަންޖެހޭ ވެންޓިލޭޓަރ ތަކަކަށްވާތީ، ވަގުތާއި ޙާލަތަށްބަލައި ވެންޓިލޭޓަރގެ މުހިންމުވެފައިވާލެއް ބޮޑުކަމުން ތަކެތި ނުލިބި ލަސްވެއްޖެނަމަ އެތަށްބައެއްގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބަޔާންކޮށް ހުށައަޅާފައިވާތީއެވެ." އެ ބަޔާނުގައި ނިޝާމާ ވިދާޅުވެފައި ވެއެވެ.

ިނިޝާމާ ވިދާޅުވީ މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަހުޤީގެއް ކުރަމުންދަނިކޮށް މިކަމުގައި ކަންހިނގާފައިވާގޮތުގެ އަސްލު އޮޅޭގޮތަށް ވަކިބަޔަކު ބަދުނާމުވާގޮތަށް ވާހަކަ ދައްކަމުންދަނީ މިހާރު ކުރިޔަށްދާ ތަހުޤީޤަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"މިމައްސަލާގައި މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ބައިވެރިވުން އޮތް މިންވަރު އެކަނި ބެލު ގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތައް ޝާމިލްވާގޮތަށް މިކަން ހިންގާފައިވާ ގޮތުގެ ފުރިހަމަ ތަހުޤީގެއް ކަމާ ގުޅުން ހުރި އިދާރާތަކުން ކޮށް ކަން ހިންގާފައިވާ ގޮތުގެ ތަފްޞީލް މަޢުލޫމާތު ރައްޔިތުންނަށް ހާމަ ކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ."

=ނީޝާމާ މުޙައްމަދު، ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ އަދި ޑެޕިއުޓީ މިނިސްޓަރ=

މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓަރ ގަތުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ އެއްމެ އިސްފަރާތެއްގެ ހައިސިއްޔަތުން އޭނާ ޢަމަލުކޮށްފައިވަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ހެޔޮނިޔަތުގައި ކަމަށާއި، މިނިސްޓްރީގެ ބިޑް ކޮމެޓީގެ ނިންމުންތައް ނިންމާފައިވަނީ ބިޑް ކޮމެޓީއަށް ލިބިފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ނިޝާވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން ކަން ހިނގާދިޔަ ގޮތުގެ ތަފްޞީލް މަޢުލޫމާތު ތަހުޤީޤު އިދާރާތަކާ ޙިއްސާކުރާނެ ކަމަށާއި، މިމައްސަލައާއި ގުޅޭގޮތުން ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ފުރިހަމަ އެހީ ތެރިކަމާ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އެބަޔާނުގައި ނިޝާމާ ވިދާޅުވެފައި ވެއެވެ.

ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ނިޝާމާ ހިމެނޭހެން ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުންވެސް ރައީސް އޮފީހުން ވަނީ ސަސްޕެންޑް ކޮށްފައެވެ.