އިންޓަރނެޓްގެ ސްޕީޑް ރަނގަޅުކޮށް، އިންޓަރނެޓްގެ އަގުހެޔޮކުރަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ ޔޫ.އެން އެސްކެޕްގެ ފަރާތުން ބޭއްވި "ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވީ" ނަމުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައި އެވެ.
ސަރުކާރު ޑިޖިޓަލައިޒް ކުރުމަށްޓަކައި ވަރަށް ކުރީއްސުރެން މަސައްކަތް ރާއްޖޭގައި ފެށިގެން ކުރިއަށް ދާކަމަށް ފާހަގަކުރައްވައި އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 1990ގެ ކުރީކޮޅު މުޅި ރާއްޖެއަށް ޓެލެފޯން ކަވަރޭޖެ ލިބޭނެގޮތް ހެދުމުގެ މަޝްރޫއު އާއި 1990ގެ ފަހުކޮޅު ރާއްޖެއަށް އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނމުގެ މަޝްރޫއު އަދި 2000ވަނަ އަހަރުން ފެށިގެން ފައިބަރ ބްރޯޑްބޭންޑް ގޭގެއަށް ފޯރުކޮށްދިނުމާއި، މޯބައިލް ނެޓްވޯކް ކަވަރޭޖް ފޯރުކޮށްދިނިމުގެ މަސައްކަތް ފެށިގެންދިޔަކަމަށެވެ.
" އެހެންނަމަވެސް އަދިވެސް އިންޓަރނެޓްގެ ސްޕީޑް އަދި އިންޓަރނެޓްގެ އަގުހެޔޮކުރަން މަސައްކަތް ކުރަމުންދާކަމަށް ދެންނެވިއެވެ. "
އެބައްދަލުވުމުގައި މިނިސްޓަރު މަލީޙް ދެއްކެވި ވާހަކައިގެ މަޢުލޫމާތު ހާމަކުރައްވަމުން ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއިން ބުނެފައި ވެއެވެ.
ކޯވީޑް-19ގެ މި އުނދަގޫ ދަނޑިވަޅުން ވަރަށް ގިނަ ފިލާވަޅުތަކެއް ހާސިލްވެގެން ދިޔަ ކަމަށާއި، ކޮންވެންޝަނަލް ޓެކްނޯލޮޖީސްތައް ދޫކޮށް ސަރުކާރުން ފަހުގެ ޓެކްނޯލޮޖީތަކުގެ އެހީގައި ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހެދުން މުހިއްމުކަމާއި، ކޮންމެ ފަދަ ހާލަތެއް ދިމާވިކަމުގައި ނަމަވެސް ސަރުކާރުގެ ހިދުމަތްތަކަށް ހުއްޓުމެއް ނައިސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގުފަހިވެފައި އޮތުން މުހިއްމުކަމަށް މިނިސްޓަރު މަލީޙް ވަނީ އެ ބައްދަލުވުމުގައި ވިދާޅު ވެފައެވެ.
މިނިސްޓަރު މަލީޙް އިތުރަށް ދެއްކެވި ވާހަކާގައި ކޯވިޑް-19ގެ ދަތި ދަނޑިވަޅުގައި ދެކުނު އޭޝިއާ ޤައުމުތަކަށް ބަލާއިރުވެސް ޓެސްޓު ކުރުމުގައިވެސް ދިވެހިރާއްޖެއިން ނަމޫނާ ޤައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވެ، އަދި އެހާ ޕްރޯއެކްޓިވްކޮށް މަސައްކަތްތައް ކުރިއަށް ގެންދެވުނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކަމާބެހޭ އިދާރާތަކާއި އެއްކޮށް ބޭއްވުނު އޮންލައިން ބައްދަލުވުންތަކާއިއެކު ކަން ކަން ހައްލުކުރުން ފަސޭހަވެގެންދިޔަ ކަމަށް ފާހަގަކުރެއްވިއެވެ.
ޔޫ.އެން އެސްކެޕްގެ ފަރާތުން ބޭއްވި "ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވީ" ބައްދަލުވުމަކީ "ޑިޖިޓަލް އިންކްލޫޝަން އަދި އިނޮވޭޝަން" އާއި ދިމާލަށް މިސްރާބު ޖެހުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ.
ޔޫ.އެން އެސްކެޕްގެ ފަރާތުން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ މަލީޙް ޖަމާލްގެ އިތުރުން އޭޝިއާގެ އެކި ސަރަހައްދުތަކުގެ އިސްވެރިން މި ބައްދަލުވުމުގައި ވާހަކަފުޅުދެއްކެވިއެވެ. އޭގެ ތެރޭގައި އެސްޓްރޮނޯޓް، ޖަޕާނުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީގެ ސީނިއަރ އެޑްވައިޒަރ ޑ. ރ. މުކައި ޗިއަކީ އާއި ގޫގުލް އިން އޭޝިއާ ޕެސިފިކަށް އައްޔަންކޮށްފައިވާ ގަވަރމެންޓް އެފެއަރސް އެންޑް ޕަބްލިކް ޕޮލިސީގެ ނައިބު ރައީސް، އެމްބެސެޑަރ ޓެޑް އޮސަޔަސް އަދި އަލީބާބާ ގްލޯބަލައިޒޭޝަން އޮފީހުގެ ސީނިއަރ ޑިރެކްޓަރ ސާމީ ފަރުހާދު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!