ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވައްކަމެއް ނުކުރަށްވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާޢީ އެހެން ވިދާޅުވީ އިއްޔެ އޮތް މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ކޮރަޕްޝަން މަދު ކުރުމަށާއި އެފަދަ ހިޔާނާތްތަކުގައި ޒިންމާވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައި، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި އިދިކޮޅު މެމްބަރުން ރައީސް ޞާލިޙްގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އަޅުވައި، ދެއްކި ވާހަކަތައް ދިފާޢުކުރަށްވާ ވާހަކަ ދައްކަވުންނެވެ.

Ad
rt

އެމްޑީޕީގެ ގިނަ މެންބަރުން ކޯލިޝަނާއި އެއްކޮށް މަސައްކަތްކުރަން އުނދަގޫވާނޭ ބުނާ މަންޒަރު ފެންނިގެން ގޮސްފިކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، އެމްޑީޕީގެ ޕާޓީގެ ރައީސަށާއި، އަދި އެޕާޓީގެ މެންބަރުންނަށް ހަޑިހުތުރު ލިބިގެންދާން އޭނާ ނޭދޭ ކަމަށް ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ ކޯވިޑާއިގުޅިގެން ޚަރަދު ކުރުމުގައި އެމްޑީޕީގެ ވަޒީރުން ނިސްބަތްވެ ވަޑައިގަންނަވާ ވުޒާރާތަކުން ވަރަށް ރަނގަޅަށް ކަންކަން ކޮށްފައިވާ ކަމަށެވެ.

"މި ކޯވިޑުގެ ތެރޭގައި އަޅުގަނޑުމެންގެ މިނިސްޓަރުން ތިބި މިނިސްޓްރީތައް؛ ބައްލަވާ! އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރީ ޢަބްދުﷲ ޝާހިދު ރާއްޖެއަށް ބައިވަރު އެހީތައް ހޯދަމުންދިޔައީ، ޑިފެންސް މިނިސްޓްރީ އޮޑިޓް ރިޕޯޓް ބައްލަވާ! އަޅުގަނޑުމެންގެ މިނިސްޓަރެއް. އެޑިޔުކޭޝަން މިނިސްޓަރު، ވަރަށް ދަތި ހާލުގައި، އެކަމަކު، ކިޔަވައިދުނުމުގެ ބުރަ މަސައްކަތްކުރަމުން ގެންދިޔައީ. ޔޫތު މިނިސްޓްރީ ވަރަށް ރަނގަޅަށް ހިންގަމުން ގެންދިޔައީ، ދިވެހި ފުލުހުންނާއި، ސިފައިން ޙައްޤު ތަޢުރީފު މަސައްކަތެއް ކުރަމުންދިޔައީ. މިއީ ހުސް އެމްޑީޕީގެ މިނިސްޓަރުން ތިބި ވުޒާރާތައް."

ރާޢީ ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރެއްގެ ތެރޭގައި ހިމެނޭ، ކޯލިޝަން ސަރުކާރެއްގެ ތެރޭގައި ހިމެނޭ ކޯލިޝަނުން ލީޑަރުން ފޮނުވި ސްލޮޓްތަކުގައި ތިބޭ ވަޒީރުން ވައްކަންކުރީމާ، އެ ވަގު ބަދުނާމު އެމްޑީޕީގެ ރައީސަށާއި، ރައީސުލްޖުމްހޫރިއްޔާގެ ބޮލަކު ނޭޅުވޭނެ ކަމަށް ރާޢީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވައްކަމެއް ނުކުރާނެ. އެމަނިކުފާނުގެ ބޮލުގައި ޒައްރެއްގެ މިންވަރު ވެސް ނޭޅުވޭނެ. ކުރީގެ ސަރުކާރު ގޮތަކަށް ބައިވެރިވުމެއް ނޯންނާނެ"

ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ 5 އަހަރު ވެރިކަން ނިމިގެން ދާއިރު އެކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށެވެ. އަދި މިކަހަލަ ކަންތައްތައް ހިނގާކަމުގައި ވާނަމަ އެކަންކަން ބަލަމުން ދާނެ ކަމަށް އަބަދުވެސް ބުނަމުންދާ ކަމަށާއި، ޕާޓީވިއަސް ކޯލިޝަން ވިއަސް އެކަންކަން ބައްލަވާނެ ކަމަށް ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް، ޕާޓީގެ ރައީސަށް އަދި އެމްޑީޕީގެ 65 މެންބަރުންނާ ދިމާއަށް، ރައްޔިތުން ދުވަހަކު ވެސް އިނގިލި ދިއްކުރަން ނޭދޭ ކަމަށާއި، އެހެންވީމާ އުއްމީދަކީ ރައީސް ޞާލިޙް ޑިސިޝަނެއް ނަންގަވާނެ ކަމަށް ކަމަށާއި، އެ މަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރަށްވާނޭ ކަމަށެވެ.