ސައުތު ކޮރެއާގައި ފާއިތުވީ ފަސް ދުވަސް ތެރޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން 3 ގުނައަށް އިތުރު ވެފައިވާތީ، އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގަވާއިދުތައް ވަރުގަދަ ކޮށްފިއެވެ.

ސައުތު ކޮރެއާގެ "ދަ ކޮރެއާ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން " (ކޭސީޑީސީ) އިން ރިޕޯރޓް ކޮށްފައިވާގޮތުގައި ހޯމަދުވަހު ދަންވަރުން ފެށިގެން މިއަދާހަމައަށް 740 މީހަކު އެ ޤައުމުން ޕޮޒިޓިވް ވެފައި ވެެއެވެ.

Ad
rt

ސައުތު ކޮރެއާ އަކީ ކޯވިޑް-19 އެންމެއަވަހަށް ކޮންޓްރޯލް ކުރި ގައުމުތެރޭން ގައުމަކަށް ވީނަމަވެސް އެގައުމުން ވަނީ އެކިފަހަރުމަތިން ކޭސްތައް ފެންނަމުންގޮސްފައެވެ.

އެ ޤައުމުގައި ގައިދުރުކަން ބެހެއްޓުމުގެ ގަވާއިދު ހަރުކަށިކޮށް، ނައިޓް ކްލަބްތަކާއި، ކަރޯކޭ ބާތަކާއި، ސައިބަރ ކެފޭ އަދި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މީގެއިތުރުން 50 މީހުނަށް ވުރެން އިތުރުވާގޮތަށް ތަންތަނުގައި އެއްވުންތައް ބޭއްވުން މަނާކޮށް، ބޭރުތެރޭގައި 100 މީހުނަށް ވުރެން ގިނަމީހުން ހިމެނޭހެން އެއްވުންތައް ނުބާއްވަން ވަނީ އަންގާފައެވެ.

އެގައުމުގެ ޕްރައިމް މިނިސްޓަރަ ޗުންގ ސައު ކުޔުން ވިދާޅުވެފައި ވަނީ ބަލި ކޮންޓްރޯލް ނުކުރެވޭނަމަ ގައިދުރުކަމުގެ ގަވާއިދު އިތުރަށް ހަރުކަށި ކުރަން ޖެހޭނެ ކަމަށާއި، އެހެން ހަދަން ޖެހިއްޖެނަމަ ގައުމުގެ އިގްތިސޯދަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިތަކެއް ފޯރާނެކަމަށެވެ.

އެގައުމުގެ ބަލިފެތުރެން މިފަހަރު މެދުވެރިވީ ފައްޅިއަކަށް އެއްވި ބައެއްގެ ފަރާތުން ކަމަށާއި، މިހާރު އެމީހުން ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްްވަނީ މައުލޫމާތު ލިވިފައެވެ. މިގޮތުން 500 މީހަކު ޓްރޭސް ކުރަންޖެހޭ ކަމަށާއި އެމީހުން އަމިއްލަ އަށް ގޭގައި ކަރަންޓިން ވާންް އަންގާފައިވާކަމަށް ވެސް އެގައުމުން ވަނީ ހާމަކޮށްފައެވެ.

އެ ޤައުމުން މިހާތަނަށް ކޯވިޑް-19އަށް 16،346 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އެގައުމުން މިބަލީގައި 307 މީހުން ވަނީ މަރުވެފައެވެ.