އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރައްވާ، އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސާފު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އޮންލައިންކޮށް ކުރިއަށް ގެންދެވި އެ ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ކަމަށެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ޕްރެޒެންޓޭޝަނަކާއިއެކު ނައިބު ރައީސަށް ހުށަހަޅުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން އެ ބޭފުޅުންގެ ފަރާތުން އެ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ހައްލުކުރުމުގައި އެހީތެރިކަން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ނައިބު ރައީސާއި ޙިއްޞާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަވެސް އެ ތަކެތި ބޭނުންކުރުމުގެ ފަންނީ ޤާބިލުކަން ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުކަމާއި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހިމެނެއެވެ. އަދި، މި ކަންކަމުގެ ސަބަބުން ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ބޭނުންވާ ތަފާތު ބޭސްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ." ރައީސް އޮފީހުން ހާމަކުރަށްވާފައި ވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ހެލްތް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ތަކުރާރުކޮށް އެކި ބައްދަލުވުންތަކުގައި ފާހަގަކުރާ ގޮތަށް މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ހެލްތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާފައި ކަމަށާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ތަރައްޤީވެގެން ދިއުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުން މަދުކުރެވިގެންދާނެ ކަމުގެ އުންމީދު އޮތްކަމުގައި ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.