މިއަދު މިފެންނަނީ ކޯލިޝަނަކާއިއެކު ކުރިއަށް ދެވެންނެތް މަންޒަރުކަމަށާއި، ހެޔޮވެރިކަމެއް ކޮށްދޭން ބޭނުންވާކަމަށް ވާނަމަ މިއަދުން މިއަދަށް ކޯލިޝަން އުވާލަން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބުދުލްޙަކީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ކޮރަޕްޝަން މަދު ކުރުމަށާއި އެފަދަ ހިޔާނާތްތަކުގައި ޒިންމާވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާ މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ވައްކަންކޮށްފައި ތިބި މީހުންނަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވެފައި ތިބި މީހުންނާއި ދޭތެރޭގައި ފިޔަވަޅު ނޭޅޭ ކަމަށް ވާނަމަ މި ރާއްޖެ ހަމަ މަގަކަށް ނޭޅޭނެ ކަމަށް އޭނާއަކީ ތަކުރާރުކޮށް މަޖިލީހުގައި ވަކާލާތުކުރަމުން އައި މީހެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިއަދުވެސް މިފެންނަނީ މި ސަރުކާރުގެ ބައެއް ވުޒާތަކުގެ އޮޑިޓް ރިޕޯޓު ނުކުތްއިރު ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި، މިކަން މިހެން ދިމާވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ވޭތުވެދިޔަ ތަނުގައި މިގޮތަށް ކަންކޮށްފައި ތިބި މީހުންނާއި ދޭތެރޭގައި ފިޔަވަޅު ނޭޅުމުގެ ނަތީޖާ"

ޝަހީމް ވިދާޅުވިއެވެ.

ކަމެއް ގޯސްކޮށް ކޮށްފައިވާނަމަ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އެޅުމަށް މި ސަރުކާރަށް ގޮވާލާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ ކޯލިޝަނަކާއިއެކު ކުރިއަށް ދެވެންނެތް މަންޒަރު ފެންނަމުންދާ ކަމަށާއި، މިއަދުން މިއަދަށް ކޯލިޝަން އުވާލަން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން ބޭނުންވާ ކަމަށް ވާނަމަ، މިއަދު މިސަރުކާރުން ވެސް އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަމަށް ވާނަމަ، މިއަދުން މިއަދަށް ކޯލިޝަން އުވާލަން އެބަ ޖެހޭ، އުވާލާފައި އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރަން އެބަޖެހޭ. އެމްޑީޕީން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ"

ޝަހީމް ވިދާޅުވިއެވެ.

ކޯލިޝަންގެ ތެރޭގައި ތިބީ ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަންކޮށްދޭން އައިސް ތިބި ބައެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އަދި ވަގުތު އޮއްވައި، އެމްޑީޕީން އެ ޕާޓީގެ ގޮތުގައި ނިކުމެ ވެރިކަން ކުރުމަކީ ބުއްދިވެރި ގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަހީމްގެ ވާހަކާގައި ވަނީ އެ ކުއްލި މައްސަލަ ހުށަހެޅުއްވީތީ އިދިކޮޅަށް ޝުކުރު އަދާ ކުރަށްވާފައި އެވެ. އަދި ކޯވިޑްގެ ތެރޭ ފުލުހުންނާއި ސިފައިން ކުރަށްވަމުން ގެންދަވާ ޚިދުމަތް ފާހަގަކުރަށްވައި އެފަރާތްތަކަށް ވެސް ޝަހީމް ޝުކުރު އަދާ ކުރެއްވިއެވެ.