ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް 2020، މުބާރާތުގެ ޗެމްޕިއަންކަން ސްޓޫޑިއޯ ގާރލްސް ހޯދައިފިއެވެ.
ނޮޅިވަރަމް ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯޅަ 2020 މުބާރާތު ވަނަތަކަށް ހޮވުނު ޓީމުތަކަށާއި، ކުޅުންތެރިންނަށް އިނާމުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މި ހަފުތާގައި އެވެ.
ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް މުބާރާތުގެ ފައިނަލް މެޗްގައި، ސްޓޫޑިއޯ ގާރލްސް ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ރަނަރަޕް ޗަކުލީ ގާލްސްގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.
ޖުމްލަ 7 ޓީމު ވާދަކުރި މި މުބާރާތުގެ ވަނަތައް ހޯދި ޓީމު ތަކަށާއި، ކުޅުންތެރިންނަށް ވަނީ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑެލް ހަވާލުކޮށްފައެވެ.
ނޮޅިވަރަމް ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް މުބާރާތް އިންތިޒާމު ކުރި ބައެއް ޒުވާނުން، ފޮޓޯ: ނޮޅިވަރަމް ލައިވް
މި މުބާރާތް ބޭއްވުމުގައި އިސްކޮށް މަސައްކަތް ކުރި ނޮޅިވަރަމް ޒުވާނުންގެ ތެރެއިން ނަސްރުﷲ ޚަލީލު "ތިލަދުން" އަށް ބުނީ މި މުބާރާތަކީ ރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.
މީގެއިތުރުން ގިނަ ޢަދަދެއްގެ ނޮޅިވަރަމްގެ ޒުވާނުންގެ އެއްބާރުލުން ވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ލިބިފައިވާކަމަށް ނަސްރުﷲ ފާހަގަ ކުރިއެވެ. އަދި އެފަރާތްތަކުން މިކަމަށް ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށް ވެސް ނަސްރުﷲ ބުންޏެވެ.
"ލޮކްޑައުން ދުވަސްވަރު ރިސޯޓުތަކާއި، އަދި ރަށުން ބޭރުގައި ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ ރަށުގެ ޒުވާނުން ރަށަށް އައިސްފައި ތިބުމާއިއެކު ގުޅުން ބަދަހި ކުރުމަށް ފުރަތަމަ ބޭއްވީ ފިރިހެން ޒުވާނުންނަށް ބަހަޔޯ ފުޓްސަލް މުބާރާތެއް، އެހެންވެ ޒުވާން އަންހެން ކުދިންނަށް ވެސް ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން ބަހަޔޯ ހޭންޑް ބޯލް މުބާރާތެއް މި ބޭއްވީ" ނަސްރުﷲ ބުންޏެވެ.
ހޭންޑް ބޯލް މުބާރާތް ކުރިއަށް ދިޔައިރު މެޗުތައް ބަލަންގޮސް ތިބި ބައެއް ސަޕޯޓަރުން، ފޮޓޯ: ނޮޅިވަރަމް ލައިވް
ނޮޅިވަރަމް ޒުވާނުންތަކެއް އިސްނަގައިގެން ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް މުބާރާތެއް ބޭއްވި އިރު، އެ ޒުވާނުން ކުރިން ވަނީ ބަހަޔޯ ފުޓްސަލް މުބާރާތް ނަމުގައި ރަށުގެ ޒުވާން ފިރިހެނުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ވެސް ބާއްވާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!