ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާއާއި، ދެ މެމްބަރަކު ހޯމް އައިސޮލޭޝަންގައި ތިއްބެވި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދާ، މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީން ޢާންމު ފާތިމަތު ނިއުޝާގެ އިތުރުން ދެ މެމްބަރަކު އައިސޮލޭޝަންގައި ތިއްބެވި ކަމަށެވެ.

Ad
rt

އަމީން ޢާންމުގެ އިތުރުން އައިސޮލޭޝަންގައި ތިއްބެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކަމަށް ވެސް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ތިން ބޭފުޅުން ވެސް އައިސޮލޭޓްވީ، ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ބައްދަލުވުމުން، ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ހިމެނުމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލިސް ކުރިއަށް ގެންދަވާއިރު، މީގެ ކުރިން ވެސް މަޖިލީހުގެ ބައެއް މެމްބަރުން ކޯވިޑް-19 އަށް ގުޅިގެން އައިސޮލޭޝަންގައި މަޑުކުރައްވަން ޖެހިވަޑައިގެންފައި ވެ އެވެ.

މަޖިލީހުގެ ބައެއް މުވައްޒަފުންވެސް ކުރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ކޯވިޑަށް އެ މުވައްޒަފުން ޕޮޒިޓިވް ވުމާއި ގުޅިގެން 2 ފަހަރެއްގެ މަތިން މަޖިލީހުގެ އިދާރާވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.