ޔުއެފާ ޔޫރޮޕާ ލީގުގައި ރޭކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް އެ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޓަ މިލާން ކަށަވަރު ކޮށްފިއެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗު އިންޓައިން ކާމިޔާބު ކޮށްފައިވަނީ ޝަޚްތަރ ޑޮނެސްކުގެ މައްޗަށް 5-0 ގެ ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

ރޭ ކުޅުނު ސެމީފައިނަލް މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އިންޓައިން ވަނީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ލަނޑު ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ނިކޯލޯ ބަރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އިންޓައަށް ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ލަޓާރޯ މާޓިނޭޒެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން އިންޓަ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޓަ ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. މުޅި ދެވަނަ ހާފު ކޮންޓްރޯލް ކޮށްގެން އެ ޓީމު ކުޅެފައިވާއިރު އެ ޓީމުންވަނީ މެޗުގެ ދެވަނަ ހާފުގައި ހަތަރު ލަނޑު ޖަހާފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ޑެނީލޯ ޑި އެމްބްރޯސިއޯ އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ އިރު، ތިންވަނަ ލަނޑު 74 ވަނަ މިނެޓުގަ ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން މާޓިނޭޒެވެ. ހަތަރުވަނަ ލަނޑު 78 ވަނަ މިނެޓުގައި ލުކާކޫ ކާމިޔާބު ކޮށްދީފައިވާ އިރު ފަސްވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ހަތަރުވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން އެ ޓީމުގެ ފޯވާޑް ލުކާކޫއެވެ.

މި ނަތީޖާއާއި އެކު މިއީ 1997-1998 ވަނަ އަހަރުގެ ސީޒަނަށްފަހު އިންޓަ މިލާން ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ފައިނަލްގައި އިންޓަ ބައްދަލު ކުރަން ޖެހޭނީ މި މުބާރާތް މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށް އަދި މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ސްޕެއިންގެ ސެވިއްޔާއާއެވެ. ސެވިއްޔާ ފައިނަލަށް ދަތުރު ކޮށްފައިވަނީ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެ ބަލިކޮށްގެންނެވެ.

އިންޓަ މިލާނާއި ސެވިއްޔާ ބައްދަލު ކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ