ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރި ދުބާއީ ކުންފުނިން ރާއްޖެ އަށް ފޮނުވި 10 ވެންޓިލޭޓަރު ޝަރުތު ހަމަނުވާކަމާއި، މިކަމުގެ ކަންބޮޑުވުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ހިއްސާކޮށްފައިވާނެކަމަށާއި އަދި ސަރުކާރުގެ އެހެން އިސް ފަރާތްތަކާއި ވެސް މިކަމާ ގުޅިގެން އެހިނދުން އެހިނދަށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

މި މުއާމަލާތުގައި މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ކުރިއަށްދާ ތަހުގީގު ނިމެންދެން ހެލްތު މިނިސްޓްރީގެ ބައެއް އިސްވެރިންނާއެކު ޝާހު ވެސް ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފަ އެވެ.

Ad
rt

މިކަމާ ގުޅިގެން ޝާހު ނެރުއްވި ނޫސް ބަޔާނެއްގައި އެ މުއާމަލާތުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެބަޔާނުގައި ޝާޙް އިތުރަށް ވިދާޅުވެފައިވަނީ އެ މައްސަލައިގައި ގޭގައި މަޑުކުރުމަށް އެންގި ނަމަވެސް ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމާފައިވާ ނިންމުމުގެ އެއްވެސް މަރުހަލާއެއްގައި އެއްވެސް މިންވަރަކަށް އޭނާގެ ބައިވެރިވުން ބިޑު ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ވެސް އަދި އެ ނޫންވެސް ގޮތަކަށް ހިމެނިފައި ނުވާ ކަމަށެވެ. ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ގަތުމަށް ނިންމި ބޮޑު ކޮމިޓީގެ ޔައުމިއްޔާ އިން މިކަން ސާފުވާނެ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ނިންމާފައިވާކަން އެނގުނު ހިސާބުން އެކަން ނިންމާފައިވާ ގޮތާއި މެދު ސުވާލު އުފައްދާ އެކަމުގެ ކަންބޮޑުވުންތައް ކަމާގުޅުންހުރި ފަރާތްތަކާ ހިއްސާކުރެއްވި ކަމަށާއި އަދި ދުބާއީ ކުންފުނިން ފޮނުވި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީ އަށް ލިބުމުން މިނިސްޓްރީގެ ބަޔޯ މެޑިކަލް ޓީމުން އެ ވެންޓިލޭޓަރުތައް ކަމުނުދާ ކަމަށާއި އެއްބަސްވުމާއި ހިލާފަށް ފޮނުވާފައިވާ ވެންޓިލޭޓަރުތަކެއް ކަމަށްބުނެ އެތަކެތި ދައްކާ އޭނާއާ މައުލޫމާތު ހިއްސާކުރި ކަމަށް ޝާހު ވިދާޅުވިއެވެ.

އަދި ނާޑު ޕްރައިވެޓް ލިމިޓެޑާއި މެޑްޓެކް އަށް ވެންޓިލޭޓަރު ގެނައުމަށް ބިޑު ކޮމިޓީން ނިންމި ނިންމުންތަކުގައި ބިޑު ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާނެ ކަމާއި އެ ކުންފުނިތަކަށް ވެންޓިލޭޓަރުތައް ގެނައުމަށް ބިޑު ކޮމިޓީން ނިންމި ނިންމުމުގައި އޭނާ ލަފާދީފައިވާނީ ކޮމިޓީއަށް ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ހަމަތަކާއި އުސޫލުތަކުގެ މަތިން ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

އެގޮތުން މީގެއިން އެއްވެސް ނިންމުމެއްގައި ނުފޫޒެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ލިބިދިނުމަށް އޭނާގެ ފަރާތުން އެއްވެސް އަމަލެއް ނުވަތަ ނިންމުމެއް މިކަމުގައި ހިމެނިފައި ނުވާނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހު ވަނީ ކޯވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަދި މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް އިންތިހާ އަށް ލިބިދެވޭނެ އަދި ދިނުމަށް ބުރަކޮށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ވެންޓިލޭޓަރުތަކުގެ ތަހުގީގު ނިމެންދެން ގޭގައި މަޑުކުރަން އެންގުމުން ހިތާމަކުރައްވާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އަދި ހިނގަމުންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.