ށ. ފުނަދޫ އާބާދުވާން ފެށި ތާރީޚެއް ކަމަށް އެނގެން އޮންނަ ތާރީޚަކީ 1 ޖަނަވަރީ 1968 އެވެ. އެއީ މިއަތޮޅު ޅައިމަގުގައި ހުރި ށ. އަތޮޅު އޮފީސް ފުނަދޫއަށް ބަދަލު ކުރި ދުވަހެވެ. ދަނޑިފަނުންނާއި ތޮށަލިން އަތޮޅު އޮފީހުގެ އިމާރާތް ފުނަދޫގައި އަޅައި އެތަނުގައި ޤައުމީ ދިދަ ނެގުނު ދުވަހެވެ. އެ އިމާރާތް ހުރީ މިހާރުގެ އަތޮޅު އޮފީހުގެ ހުޅަނގުން އޮތް ބިމުގައެވެ.

އެހެނަސް ފުނަދޫއަކީ އޭގެ މާކުރިންވެސް މީހުން އުޅެފައިވާ ރަށެކެވެ. ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ދުވަސްވީ މީހުންގެ ވާހަކަ ތަކުންނާއި، ރަށުން ފެންނަ ތާރީޚީ ތަފާތު ހެކިތަކުން މިކަން ސާބިތު ކުރެވެއެވެ. ފުނަދޫގެ ކުރީގެ ބޮޑުކަތީބު އަލްފާޟިލް އަހުމަދު ނަސީމް ވިދާޅުވާ ގޮތުގައި ފުނަދޫ ފަޅުވުމާއި އަލުން އާބާދުވުމާއި ދެމެދު 140 އަހަރާއި 150 އަހަރާއި ދެމެދުގެ މުއަދަތެއް ހޭދަވެފައިވާނެއެވެ. އެއީ ފުނަދޫއިން ފެނިފައިވާ މަހާނަ ގައު ތަކުގައިވާ ތާރީޚުތައް ދިރާސާ ކުރެއްވުމުން ފެނިލެއްވި ހެކިތަކަށް ބަލާއިރު މީހުން އަލުން އާބާދުވާން ގާތްގަނޑަކަށް އެހައި ދުވަސް ހޭދަވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

Ad
rt

ފުނަދޫ އަކީ ދަނޑުގޮވާމަށް ފާގަތި ރަށެކެވެ. ދުވަސްވީ ހަރު މީހުންގެ ވާހަކަ ތަކަށް ބަލާއިރު ފުނަދޫ ފަޅުވި ފަހުންވެސް ކައިރި ރަށްރަށުގެ މީހުންގެ ދަނޑުގޮވާން ކުރުމަށް ފުނަދޫއަށް އައިސް އުޅުނެވެ. އަދި މިހާރުގެ ވަޒަންވެރިން ފުނަދޫއަށް ހިޖުރަ ކުރުމަށް ފަހުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރިކަމަށް ވެއެވެ. އެގޮތުން މިހާރުގެ ޕެރިސްޓޯރު ހުރި ސަރަހައްދާއި، ބޯޅަދަނޑާއި ބޯޅަދަނޑުގެ އިރުން މޫދަށް ގިރާލާފައިވާ ސަރަހައްދަކީ ދަނޑުގޮވާމަށް މޮޅު، ގިނަ ބާވަތްތަކުގެ ގޮވާން ހެއްދި ސަރަހައްދު ތަކެއް ކަމަށް ވެއެވެ. ޒުވާރި، ދޮނަޅަ، ބާދިރީ، ކުދިބަތް ފަދަ ގޮވާމުގެ ބާވަތްތަކަކީ ފުނަދޫގައި އޭރު ހެއްދި ބައެއް ބާވަތްތަކެވެ.

ކުރިން ދަނޑުގޮވާންކޮށްގެން ލިބުނު އެއްޗަކުން ބަނޑުފުރާނަ މުއްތި ކޮށްގެން އުޅުނު މީހުން މިރަށް ދޫކޮށް ދާން ޖެހުނީ ކީއްވެތޯ މިއީ އުފެދޭނެ ސުވާލެކެވެ. މި ސުވާލުގެ ޖަވާބުގައި އަހުމަދު ނަސީމް ވިދާޅުވަނީ ފުނަދޫ ފަޅުވީ ދަތި ތަދުމަޑު ދުވަސްތަކެއް ތަޖުރިބާ ކުރަން ޖެހުމުންނެވެ. ވިދިވިދިގެން ދެއަހަރު ގޮވާން ނުލިބި ރަށުގެ ހާލަތު ގޯސްވެ ރަށް ބަނޑަށް ޖެހެން މެދުވެރިވީއެވެ. ބަނޑަށް ޖެހި ރަށުން ކާބޯތަކެތި ނުލިބޭތީ ކައިރިރަށްރަށަށް ގޮސް ވައްކަން ކުރުމުގެ ނުބައި އޮއިވަރެއްވެސް އުފެދުނު ކަމަށް ވެއެވެ. އެގޮތުން އެންމެ ގިނައިން ފުނަދޫ މީހުން ވައްކަން ކުރަން ދާކަމަށް ވަނީ މާކަނޑޫދޫ އަށެވެ. އެރަށު ގޭގޭގެ ބަދިގެއަށް ވަދެ ކާބޯތަކެތި ވަގަށްކައި، ގޭގޭގައި ހުންނަ ތަކެތި ވަގަށް ނެގުން އާއްމު ވިއެވެ.

އެ ތަދުމަޑުކަމުގެ ސަބަބުން ރަށުތެރޭގައި ބަލިމަޑުކަމެއް އުފެދުނެވެ. އެއީ އަލްޙައިޟާ ކިޔާ ބަލިމަޑު ކަމެކެވެ. ލެޔާއި އެކު ބޭރަށް ހިންގުމެވެ. މި ބަލި މަޑުގައި ރަށުން މީހުން މަރުވާން ފެށިއެވެ. އަދި މި ބަނޑުވޭނުގައި މީހުން މަރުވުން ކޮންޓްރޯލް ނުކުރެވި، ރަށުގެ އާބާދީގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެ ދިޔައީއެވެ. އެންމެ ފަހުން ސަލާމަތުން ތިބިމީހުން ފުނަދޫ ދޫކޮށް، ފިރުނބައިދޫ، ޅައިމަގު، އަދި މާކަނޑޫދޫއަށް ފައިބައިގެން ދިޔައީއެވެ. ތާރީޚީގޮތުން ފެނުނު ހެކިތަކަށް ބަލާއިރު އެއީ މީގެ ސަތޭކަ ނުވަދިހަ ވަރަކަށް އަހަރު ކުރިއެވެ.

ފުނަދޫ މީހުން މާކަނޑޫދޫއިން ވައްކަން ކުރާތީ އެރަށުމީހުން ނަދުރެއް ބުނިކަމަށް ވެއެވެ. އެއީ ފުނަދޫ ފަޅުވެއްޖިއްޔާ ކޮންމެ އަހަރަކު މާލޫދެއް ކިޔުމަށެވެ. އެމީހުން ބުނި ނަދުރު ސިދާވެ ވަރަށް ފަހަކާއި ޖެހެންދެންވެސް މާކަނޑުދޫގައި އެ މާލޫދު ކިޔައި އުޅުނެވެ. މާކަނޑޫދޫގެ ކުރީގެ ކަތީބު އަލްމަރުހޫމް ޢަލީ އުމަރުގެ ކަތީބުކަމާއި ހަމައަށް އެ މާލޫދު ކީ ކަމަށް ވެއެވެ.