ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ހެލްތު މިނިސްޓްރީގެ އިސްވެރިން ތަކަކާއި، ބިޑް ކޮމެޓީގެ މެމްބަރުން ސަސްޕެންޑުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މީޑިއާ އަށް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

Ad
rt

ހޫދު ވިދާޅުވީ ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުންވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

މިފަރާތްތައް ސަސްޕެންޑް ކޮށްފައިވާއިރު، ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިއަދު މަސައްކަތުން އެކަހެރިވެ ވަޑައިގެންފައެވެ.

މިކަން ހާމަކުރަށްވައި ރައީސް ޞާލިޙަށް މިނިސްޓަރު އަމީން ފޮނުއްވި ސިޓީގައި ވަނީ ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ނިމެންދެން ނުވަތަ ރައީސް ޞާލިހު ވަކިގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރައްވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޯވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.