ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގެންފި އެވެ.
މިނިސްޓަރު އަމީން މިކަން ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.
އެ ސިޓީގައި އަމީން ވިދާޅުވީ ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ނިމެންދެން ނުވަތަ ރައީސް ޞާލިހު ވަކިގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރައްވާ ކަމަށެވެ.
މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވުމަށް ނިންމެވިއިރު، ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުތަކުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ވަނީ އަންގަވާފައެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!