މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ރަށްރަށު މީހުންނަށް މަޖުބޫރުވެފައި ވަނީ ނަޖިިސްފެން ބޮލަށް އަޅާލަ އަޅާލަ ތިބެން ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.
ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި މަޝްޙޫރު ޤާނޫނީ ވަކީލު ޢަލީ މި މޭރުމުން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ.
"މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ގިނަރަށްރަށުގެ މީހުންނަށް އަދިވެސް މަޖުބޫރުވެފައި އޮތީ ނަރުދަމާގެ ނިޒާމު ނެތުމުގެ ސަބަބުން ތަޣައްޔަރު ވެފައިވާ ނަޖިިސްފެން ބޮލަށް އަޅާލަ އަޅާލަ ތިބެން. އަނެއްބައި ރަށްރަށުގައި އަރާފޭބުން އެހާ ދަތި."
ޢަލީ ވިދާޅުވެފައި ވެއެވެ.
މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ގިނަރަށްރަށުގެ މީހުންނަށް އަދިވެސް މަޖުބޫރުވެފައި އޮތީ ނަރުދަމާގެ ނިޒާމު ނެތުމުގެ ސަބަބުން ތަޣައްޔަރު ވެފައިވާ ނަޖިިިިސްފެން ބޮލަށް އަޅާލަ އަޅާލަ ތިބެން. އަނެއްބައި ރަށްރަށުގައި އަރާފޭބުން އެހާ ދަތި.
— Ali Hussain (@AleeVoice) August 15, 2020
ޢަލީ މިހެން ވިދާޅުވިއިރު، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު، ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ފެށޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ (448 މިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރުގެ ލޯނާއި އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އުސޫލުން ދޫކުރާ ފައިސާއެވެ. ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ފައިސާއެވެ.
ކުރީ ސަރުކާރުން ވެސް ވަނީ މާލެ-ހުޅުލެ-ހުޅުމާލެ ދެމެދު ބްރިޖެއް ހަދައިފައެވެ. ސިނަމާލެ ބްރިޖު އެޅުމުގެ މަޝްރޫއަށް 198 މިލިއަން ޑޮލަރު ހޭދަވިކަމަށް ހިސާބުތަކުން ފެންނަން ހުރިއިރު، އެ ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ އިން ކުރި މަސައްކަތުގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދީފައިވާ ލޯނެވެ. މި މަޝްރޫ އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ކުރީގެ ސަރުކާރުން ވަނީ ވަރަށް ބޮޑު އަގުގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިމާރާތް ކޮށްފައިއެވެ. ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު އިމާރާތް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެެވެ. އެ އަގަކީ، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އެފަދަ އިމާރާތަކާ ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.
މެމްބަރު ޢަލީ ފާހަގަ ކުރެވެނީ އަބަދުވެސް ތަރައްޤީ ރައްތަކަށް ބަހާލައި، ތަރައްޤީގެ ފޮނި މީރުކަން އަތޮޅު ތަކުގެ ރައްޔިތުންނަށް ލިބޭނޭ ސިޔާސަތުތަކަށް ވަކާލާތު ކުރަށްވާ ބޭފުޅެއް ގޮތުގައިއެވެ. ޢަލީ ގެންދަވަނީ މާލޭ ސަރަޙައްދު ތޮއްޖެއްސުމުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކާއި، އަތޮޅުތަކުގެ ރަށްޔިތުންނަށް އޮތް ބޮޑު ތަކުލީފަށް އޮތް ހައްލަކީ ތަރައްޤީ ރާއްޖޭގެ ކަންކޮޅުތަކަށް ބަހާލުން ކަމަށް ވިދާޅުވެ، ސިޔާސަތުތައް އެ މަގުން ބައްޓަންކޮށް ހިންގުމުގެ ނިޒާމުވެސް އެމަގަށް ލާމަރުކަޒު ކުރުމަށް ވަކާލާތު ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!