ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރި ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމަށް ހޯރަފުށީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ސިފައިން މިއަދު ބައިވެރިވެފައި ވާ ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ ހަރަކާތުގައި އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާއިލް ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިއަދު ހިންގުނު ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ އެ ކައުންސިލާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ގުޅިގެން ކުރިއަށްގެންދާ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފުން ގިނަ ޢަދަދެއްގެ ރުއް ގަސް އިންދާފައިވާ ކަމަށެވެ.
" މި ޕްރޮގްރާމްގައި އެމްއެންޑީއެފުން ބައިވެރިވުމަކީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް" ހޯރަފުށީ ކައުންސިލުން ބުނެފައި ވެއެވެ.
މިއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު، ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރާ ސަރަހައްދުގައި ރުއްގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވަނީ ކޮށްފައެވެ. ހޯރަފުށީ އެއަރޕޯޓް ހަދާ ސަރަޙައްދުގައި މި އިންދުނު ރުއްގަހަކީ، ށ. ފީވަކުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއު ހިންގުމަށް، އެ ސަރަހައްދުން ނަގަން ޖެހޭ ރުއްގަސް ކަމަށް ވެސް އެދުވަހު އެމްޓީސީއިން ވަނީ ބުނެފައެވެ.
މީގެއިތުރުންވެސް ހޯރަފުށީގެ އެކި ކްލަބް، ޖަމްޢިއްޔާތަކާއި، އެކި ގްރޫޕްތަކާއި އަދި ޢާއިލާތަކުން އަންނަނީ އެރަށު އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ގަސް އިންދަމުންނެވެ.
21 ޖޫން 2019 ވީދުވަހު ހޯރަފުށީގައި 500 ގަސް މުޑުވައްކުރުމުގެ ޕްރޮގްރާމެއް ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ފައްޓަވައިދެއްވައިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 10،000 ގަސް މުޑުވައް ކުރުމަށް ވަނީ ނިންމާފައި ކަމަށް ހޯރަފުށީ ކައުންސިލުން އެދުވަހު ވަނީ ހާމަ ކޮށްފައިއެވެ.
ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހއ. ހޯރަފުށީގައި ތަރައްޤީކުރުމުންދާ އެއާޕޯޓުގައި ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެރަށަށް ގެންގޮސްފިއެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ވާކަމަށާއި، މީގެ ތެރެއިން ކޮމްޕެކްޓަރ، ޑަބަލް ޑްރަމް އަދި ބައެއް އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި ވާކަމަށް އެމްޓީސީސީމިއަދު ވަނީ ބުނެފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
ކޯވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!