ށ. ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދިނުމަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓުން ބޭނުންކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ހިއްސާކުރަމުން ނަރުދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ޑެޕިއުޓީ މެނޭޖަރ އަލީ ރަމްޒީ ވިދާޅުވީ މިވަގުތު ސޯލާއިން ކަރަންޓު ދެމުންދަނީ ހެނދުނު 7:30 އިން ހަވީރު 5:30 އަށް ކަމަށެވެ.
ސޯލާ ސިސްޓަމް ބޭނުން ކުރަން ފެށުމާއެކު ދުވާލަކަށް 200 ލީޓަރ ސޭވް ކުރެވޭނެކަމަށާއި އެއީ 130 ކިލޯ ވޯޓްކަމަށް ރަމްޒީ ވިދާޅުވިއެވެ. އަދި މިބަދަލުގެ ސަބަބުން އެރަށުގައި ކަރަންޓުދެމުން އަންނަ އިންޖީނު އިތުރު 5 އަހަރަށް ބޭނުންކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
ޕޮއިސް ރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ މިމަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އާއެވެ. ސޯލާޕެނަލްތައް ހަރުކޮށްފައިވަނީ ފެނަކައިގެ ބިމުގައި އިމާރާތްކޮށްފައިވާ ބިމެއްގައެވެ.
މިއަހަރުގެ މާޗް މަހުވަނީ ށ. އަތޮޅު ފެނަކަ ޓީމް އަށް ސޯލާ ޕީވީ- ހަައިބްރީޑް އިންސްޓޯލް ކުރުމުގެ ޓްރެއިނިން އެއް ދީފައެވެ. މި ޓްރެއިނިންގ ސެޝަންތަކުގައި ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް(ބީއީއެސްއެސް)، އެނާޖީ މެނޭޖްމެންޓް ސިސްޓަމް (އީއެމްއެސް) އަދި ކެޓް ޖެންސެޓް އޯ އެންޑް އެމް ޑައެގްނޯސްޓިކް ޓްރެއިނިންގ ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ރާއްޖޭގެ ޖުމުލަ ޢާމްދަނީން ބޮލަކަށްޖެހޭ މިންވަރުގެ %10 މިހާރު ހޭދަކުރަނީ ހަކަތަ އުފެއްދުމަށް ތެޔޮ ގަތުމަށެވެ.
ރާއްޖޭގެ ހުރިހައި ރަށަކަށް އަމާޒުކޮށްގެން 2014ވަނަ އަހަރު ފެށި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ދުވާލުގެ ވަގުތުތަކުގައި ބޭނުންކުރާ ހަކަތައިގެ އެންމެމަތީ މިންވަރުގެ %30އަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒުކޮށްގެން ފެށްޓެވި މަސައްކަތެވެ. މި ޢަދަދު %70އަށް އިތުރުކުރުމަށް މިހާރުވަނީ މިސަރުކާރުން ނިންމާފައެވެ.
އިޢާދަކުރަނިވި ހަކަތަ ރަށްރަށުގައި ބޭނުންކުރަން ފެށުމުން، ކަރަންޓު އުފެއްދުމަށް ތެޔޮ ގަތުމަށް ސަރުކާރުން މިހާރު ހޭދަކުރަންޖެހޭ ފައިސާއިން ވަރަށްބޮޑުބައެއް ސަލާމަތް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!