ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އިންޑިއާގެ ބޯޑަރ ލޮކްޑައުން ކުރިފަހުން އިންޑިއާ ސަރުކާރުގެ ޚާއްޞަ ހުއްދައި ދަށުން، އެޤައުމަށް ރާއްޖެއިން ބޭސްފަރުވާއަށް ފޮނުވި މީހުންގެ ތެރެއިން 4 ވަނަ މީހަކު ނިޔާވެފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
މިއަދު ނިޔާވި މީހާއަކީ ޖޫން މަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް އިތުރު ފަރުވާއަށް ދިޔަ ފުރަތަމަ ބެޗްގައި ހިމެނޭ މީހެއްކަމަށް އާސަންދައިން ބުންޏެވެ.
އިންޑިއާގައި ނިޔާވެފައި ވަނީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވެފައި ވަނީ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ވެސް އާސަންދައިން ވަނީ ހާމަ ކުރަށްވާފައި އެވެ.
އާސަންދައިގެ ދަށުން ފޮނުވި މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ނިޔާވެފައި ވަނީ ޖުލައި 16 ދުވަހުއެވެ. ދެވަނަ މިހާ ޖުލައި 17 ގައި ނިޔާވި އިރު، 3 ވަނަ މީހާ ނިޔާވެފައި ވަނީ ޖުލައި 18 ވަނަ ދުވަހުއެވެ.
އެ ކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާއަށް ބޭސްފަރުވާއަށް ފޮނުވި މީހުންގެ ތެރެއިން ފުރަތަމަ ނިޔާވި 3 މީހުންނަކީ ވެސް އިންޑިއާއަށް ދިއުމުގެ ކުރިން ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ.
ކޯވިޑްއާއި ގުޅިގެން އިންޑިޔާގެ ބޯޑަރު ލޮކްޑައުންކުރި ފަހުން އާސަންދައިގެ ދަށުން ފަރުވާއަށް މިހާތަނަށް އިންޑިއާއަށް 200 އަށް ވުރެ ގިނަ ދިވެހިން ފޮނުވާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ހާމަކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!