ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ކުރިމަތިވި ހާލަތާއި ގުޅިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ މީހުންނަށް ސަރުކާރުން ދެމުންއައި އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޤަވާއިދު ބަދަލު ތަކާއިއެކު މިއަދު ރައީސް އޮފީހުން އާންމުކޮށްފިއެވެ.
އަދާކުރަމުންދިޔަ ވަޒީފާ އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ދިނުމަށް ތަޢާރަފް ކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޤަވައިދު ރައީސް އޮފީހުން އިސްލާހުތަކާއި އެކި އާންމު ކޮށްފައިވާއިރު މިހާރުގެ އިސްލާހާއި ގުޅިގެން ގިނަބަޔަކަށް މި އެލަވަންސް ލިބިގެން ދާނެއެވެ. މިގޮތުން ބަލާއިރު މިހާރު މި އެލަވަން ލިބިގެންދާނީ ފާއިތުވެދިޔަ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ތިރީގައި ބަޔާން ކުރެވިފައިވާ ޝަރުތުތައް ހަމަވާނަމައެވެ.
2019 އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އެމީހަކަށް ލިބެމުން ދިޔަ އާމްދަނީ މެދުކެނޑިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންގެ ތެރެއިން މާޗު އެކަކާއި ހަމައަށް އަމިއްލަ އަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުން ގޮސްފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވާއިރު އަމިއްލަ މަސައްކަތް ކުރާ ދިވެހިންގެ ތެރެއިން އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަށް ވެސް މި އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އެލަވަންސް އަށް ކުރިމަތިލެވޭ މީހުންގެ ތެރޭގައި ފަންނާނުންނާއި އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާއި އަދި މީގެ އިތުރުން މިފަހަރު ވަނީ އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށްވެސް މި އެލަވެންސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނޭއިރު އަމިއްލަ މަސައްކަތް ކުރާ ފަރާތެއް ނަމަ، އެފަދަ ފަރާތެއްކަން ކަށަވަރުކޮށްދޭނެ ލިޔުމެއް ނުވަތަ މަސައްކަތް ކުރުމުގެ ހުއްދައިގެ ކޮޕީ ނުވަތަ މަސައްކަތް ހަވާލުކުރާ އެއްބަސްވުމުގެ ކޮޕީ އަދި ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައި ވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.
އެންސްޕާ މެދުވެރިކޮށް ދޫކުރާ މި ފައިސާ މިމަހުގެ 6 ގެ ނިޔަލަށް 8،488 މީހަކަށް ޖުމްލަ 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައި ވެއެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ އެލަވަންސް ދިނުމަށް ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް 5،000 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!