ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން ހއ. ކެލާ ހިމެނޭހެން އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގައި ސޮއިކުރެއްވިކަން ހާމަ ކުރަށްވާފައި އެވެ.
މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ރ. އަލިފުށި އަދި ގއ. ދާންދޫ ގައެވެ.
ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން މި ފަސް ރަށުގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް އެއްބަސްވެފައިވަނީ 11.8 މިލިއަން ޑޮލަރަށެވެ.
ދިވެހިރައްޔިތުންގެ އަސާސީ ޚިދުމަތްތައް ކަށަވަރު ކޮށްދިނުމަށް ޗައިނާއިން އަބަދުވެސް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމަށް ވެސް ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅު ވެފައެވެ.
ޗައިނާއިން ރާއްޖޭގައި މިހާރުވެސް 4 ޕްރޮޖެކްޓެއް ހިންގަމުން އެބަދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
Pleased to sign an agreement to implement China-aid project (11.8million USD) of micro-grid seawater desalination in five islands in Maldives, including K.Kaashidhoo, Lh.Olhuvelifushi, Ha.Kelaa,
R.Alifushi, Ga.Dhaandhoo.looking forward to more co-op on livelihood projects. pic.twitter.com/lgrc3aJDGO
— Chinese Embassy in Maldives (@ChinaEmbassyMV) August 10, 2020
ކޯވިޑާއި ގުޅިގެން ވެސް ޗައިނާއިން އަންނަނީ ރާއްޖެއަށް އެހީތެރި ވަނުންނެވެ. މިގޮތުން ޗައިނާގެ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައިގެން އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ކުރިން ވިދާޅުވެފައެވެ.
ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައި ވާއިރު، ޗައިނާ މެޝިނަރީ އިންޖިއަނަރިންގް ކޯޕަރޭޝަނުންވެސް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފައެވެ.
ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިންވެސް ވަނީ ސަރުކާރަށާއި، އަދި އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ، ފޭސް މާސްކު އަދި ގޮގުލްސް ހަދިޔާކޮށްފައެވެ.
ޗައިނާއިން ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ދީފައެވެ. އަދި އެ ޤައުމުން ވަނީ ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދިން 77 ގައުމު ތެރޭގައި ރާއްޖެ ހިމަނާފައެވެ.
ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން ފޯރުކޮށްދިން އިތުރު ސިއްޙީ އެހީތެރިކަމުގެ ގޮތުގައި މިއަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަހު ވަނީ ސިއްޙީ ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 5،000 މެޑިކަލް ފޭސް މާސްކާއި 50،000 ސާޖިކަލް މާސްކްގެ އިތުރުން 5،000 ޕީޕީއީ ކިޓާއި 5،000 މެޑިކަލް ގޮގްލްސްއެވެ.
މިއަހަރު މެއި 2 ވަނަ ދުވަހުވެސް ޗައިނާއިން ވަނީ ރާއްޖެއަށް ތަކެތި ގެނެސް ހަދިޔާ ކޮށްފައެވެ. އެދުވަހު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 10،000 ޓެސްޓިންގ ކިޓް އަދި ސާމްޕަލް ސްޓިކް، 209،080 ޑިސްޕޯސެބަލް މާސްކް، 11،500 އެން 95 މާސްކް، 350 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 10 ވެންޓިލޭޓަރުވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!