ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައިޝަތު ސާމިޔާ އައްޔަން ކުރައްވައިފިއެވެ.
ހެލްތުގެ ޕީއެސްގެ މަގާމު ހުސްވީ މިދިޔަ ފެބްރުއަރީ މަހު އެ މަގާމުގައި ހުންނެވި ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ ގުޅިގެންނެވެ.
އެ ކޮމިޝަނުން ބުނީ އޭނާ ވަކި ކުރަން ނިންމީ މައްސަލައެއް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އަލްފާޟިލާ އައިޝަތު ސާމިޔާ އަކީ 2017 ވަނަ އަހަރުގައި ކެނެޑާގެ ޑަލްހައުސީ ޔުނިވަރސިޓީ އިން މާސްޓަރ އޮފް ހެލްތު ސާރވިސަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އޮސްޓްރޭލިޔާގެ ކާރޓިން ޔުނިވަރސިޓީއިން ބެޗެލަރ އޮފް ހެލްތު އިންފޮރމޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ވެސް ތަޢުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ސިއްޙީ ދާއިރާގެ ކަންކަމުގައި މަސްޢޫލުވެއުޅުއްވާތާ 21 އަހަރު ވެފައިވާއިރު، ވަޒީފާގެ މައިދާނުގައި މި ދާއިރާއިން އެއްމެ ފުރަތަމަ އަދާ ކުރައްވަން ފެއްޓެވީ 1998 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަޤާމެވެ. އޭގެ ފަހުން މިކަމަނާ ވަނީ އައި.ޖީ.އެމް.އެޗް އަދި މިނިސްޓްރީ އޮފް ހެލްތުގެ އެކިއެކި ޑިޕާރޓްމަންޓުތަކުގެ ސީނިޔަރ މަޤާމުތައް ފުރުއްވާފައެވެ. މިގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ޑިޕާރޓްމަންޓް އޮފް މެޑިކަލް ސާރވިސަސްގެ އެސިސްޓަންޓް ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް ހެލްތު އިންފޮރމޭޝަން ޑިވިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ މަސްޢޫލިއްޔަތުތައް އަދާ ކުރައްވާފައިވެއެވެ.
މީގެ އިތުރުން މިކަމަނާއަކީ 2010 ވަނަ އަހަރުން ފެށިގެން ނެޝަނަލް ހެލްތު ރިސާރޗް ކޮމިޓީ އަދި ނެޝަނަލް ހެލްތު ކައުންސިލްގެ މެމްބަރެއްގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
Congratulations to the newly appointed Permanent Secretary of Ministry of Health, Ms. Aishath Samiya @AishathSamiya pic.twitter.com/tHBDkQzs91
— Ministry of Health (@MoHmv) August 10, 2020
މިވަޒީފާތަކުގެ މަސްޢޫލިއްޔަތުތައް އަދާ ކުރުމުގެ އިތުރުން މިކަމަނާއަކީ ޕްރޮފެޝަނަލް އޯގާ އިންސްޓްރަކްޓަރެއް އަދި ވިލާކޮލެޖުގެ މާސްޓަރސް އޮފް ޕަބްލިކް ހެލްތުގެ ކުދިންނަށް ކިޔަވާދެއްވަމުން ގެންދަވާ ޕާރޓް-ޓައިމް ލެކްޗަރާއެކެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ފަރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!