ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ގޮތުގައި ހުންނެވި މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޢުސޫމް އިސްތިޢުފާ ދެއްވާފައިމިވަނީ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ ވަކިކުރަން އެ ކޮމިޓީން ވެސް ނިންމައިފައިވަނިކޮންނެވެ.

Ad
rt

މައުސޫމް މިއަދު އާންމުކުރެއްވި ލިޔުމެއްގައި ބުނެފައިވަނީ، އެ މައްސަލާގައި ދިފާއީގޮތުން ހުށަހެޅި އެއްވެސް ހެއްކަކަށް ބެލުމެއް ނެތި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ސިޔާސީ ނުފޫޒު ޖޭއެސްސީއަށް ވަދެފައިވާ މިންވަރު އެނގި ހާމަވެގެންދާކަމެއް ކަމަށެވެ.

މީގެ ކުރިން ޖޭއެސްސީން އަޅުގަނޑު އެއްވެސް މައްސަލައެއް ބަލާ އެއްވެސް ނަސޭހަތެއް ނުވަތަ ތައުދީބީ ފިޔަވަޅެއްވެސް އެޅުމެއް ނެތި، މިފަހަކަށް އައިސް މަގާމުގެ ދަހިވެތިކަމުގައި މަދު ބަޔަކު ރާވައިގެން ސޯޝަލް މީޑިއާއަށް ދޮގު މައުލޫމާތުދީ ޖޭއެސްސީއަށް މައްސަލަ ހުށަހެޅުމުން، މައްސަލާގައި ދިފާއީގޮތުން ހުށަހެޅި އެއްވެސް ހެއްކަކަށް ބެލުމެއް ނެތި ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމުމަކީ ސިޔާސީ ނުފޫޒު ޖޭއެސްސީއަށް ވަދެފައިވާ މިންވަރު އެނގި ހާމަވާކަމެއް،

މައުސޫމް ނެރެފައިވާ ލިއުމުގައި ބުނެފައިވެ އެވެ.

އެހެންވުމުން މިނިވަންކަމާއެކު ފަނޑިޔާރެއްގެ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ފަދަ މާހައުލެއް މިހާރު އޮތްކަމަށް ނުފެންނާތީ ހދ އިސް މެޖިސްޓްރޭޓްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް އެލިއުމުގައި ބުނެފައިވެއެވެ.

ޖިންސީ ފުރައްސާރަ އާއި ރިޝްވަތުގެ ތުޙުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ.

މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ނިންމައި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުުގެ ތިންބައި ކުޅަ ދެބައިގެ މެޖޯރިޓީންނެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް އެބަޔާނުގައި ބުނެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުޢާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމަށް މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާކަމަށެވެ.

ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް ޢަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ހިތާފައިވާކަމާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ ޢަމަލުތަކެއްކަން ތަޙްޤީޤަށް ސާބިތުވޭ

ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން މައުސޫމް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މުހައްމަދު މައުސޫމް މަޤާމުން ސަސްޕެންޑުކޮށްފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މައުސޫމާ ގުޅޭގޮތުން އެ ކޮމިޝަނުން މައްސަލަ ބަލަން ފަށާފައިވަނީ އޭނާ ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކާ ގުޅޭ މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކެއް ކަމަށް ޖޭއެސްސީން ބުންޏެވެ.