ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛު ކުރުމާއި ގުޅޭ ގޮތުން އިދާރާތަކާއިއިއެކު ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން މިއަދު ބޭއްވުނު މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

Ad
rt

އޭޖީ އޮފީހުން ބުނީ މި މަޝްވަރާ ބައްދަލުވުމަަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި، އެ ޤާނޫނުތަކުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އެ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ޕޮލިސީ ލެވެލްގެ މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލު ވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެވި، މި މަސައްކަތް ކުރުމަށްޓަކައި ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަރކިންގ ގްރޫޕެއް އެކުލަވާލެވިފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ މަސައްކަތް ފަށައިގަތުމަށްޓަކައި ވަރކިންގ ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަރކިންގ ގްރޫޕްގެ މަސައްކަތްތައް ސްޓްއަރިންގ ކޮމިޓީއަށް ހުށަހެޅުމަށް ނިންމިފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ މި ދެ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީތެރި ކަމާއެކުގައި ކަމަށެވެ.

މިއަދު އޮތް މި މަޝްވަރާ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، މިނިސްޓަރ އޮފް އެޑިއުކޭޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޖުވެނައިލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑެމީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އޭޖީ އޮފީހުން މަޢުލޫމާތު ދެއްވަވައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު 20 ނޮވެންބަރު 2019 ގައި ތަޞްދީޤުކޮށްފައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް 20 ފެބުރުވަރީ 2020 އިން ފެށިގެން ދަނީ ޢަމަލުކުރެވެމުންނެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަންފަށާނީ 20 ނޮވެންބަރު 2020 ގައެވެ.