ނ. އަތޮޅުގެ ރައްޔިތުންނަށް ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
މިއެހީތެރިކަމާއި ގުޅޭގޮތުން "ތިލަދުން"އަށް މަޢުލޫމާތު ހިއްސާކުރަމުން ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާއިލް ޝަފީޤް ވިދާޅުވީ މިތަކެތި އެހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ރިސޯޓުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެރިސޯޓުގެ އެޗްއާރު މެނޭޖަރ ފާއިޒް އެވެ.
އިސްމާއިލް ޝަފީޤް ވިދާޅުވީ އަތޮޅު ހޮސްޕިޓަލަށް އެރިސޯޓުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި 2 ވެންޓިލޭޓަރ، 5 ކާޑިއެކް މޮނީޓަރ، 10 ބީޕީ އެޕްރޭޗަރ، 2 ޕަލްސް ޗެކަރ، އަދި 1000 ޕީޕީއީ ގުލޯވްސް ހިމެނޭ ކަމަށެވެ. މީީގެ އިތުރުން ވެސް ވެލިދޫ ހެލްތު ސެންޓަރ އަށް 300 ޕީޕީއީ ގުލޯވްސް އާއި 4020 ހޭންޑް ސެނެޓައިޒަރ ފުޅި އަދި މާފަރު ހެލްތު ސެންޓަރ އަށް 170 ޕީޕީއީ ގުލޯވްސް އާއި 4000 ހޭންޑް ސެނެޓައިޒަރ ފުޅި ހަދިޔާކޮށްފައިވެއެވެ.
މީގެ ކުރިންވެސް ރަންދެލި ރިސޯޓުންވަނީ އެހީތެރިކަން ނ. އަތޮޅު ހޮސްޕިޓަލަށް ވެފައި، އެގޮތުން މާބަނޑު މީހުންގެ ސްކޭން ކުރުމަށް 4ޑީ ސްކޭން މެޝިނަކާއި އޯޓީއަށް ލެޑް ސްކްރީންގެ އިތުރުން ވޯޑްއަށް ބޭނުންވާ މެޝިނަރީސްވެސް ވަނީ ހަދިޔާކޮށްފައި، ރަންދެލި ރިސޯޓު ފާހަގަ ކުރެވިފައިވަނީ މިހޮސްޕިޓަލާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ރިސޯޓެއްގެ ގޮތުގައި، މިކަމަށް ނ. އަތޮޅުގެ ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ރަންދެލި ރިސޯޓުގެ މެނޭޖްމަންޓްއަށް ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަން
އިސްމާއިލް ޝަފީޤް ވިދާޅުވިއެވެ.
ނ. އަތޮޅު ހޮސްޕިޓަލަށް ލިބިފައިވާތަކެތި އަތޮޅުގެ އެހެން ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވާކަމަށް އިސްމާއިލް ޝަފީޤް އިތުރަށް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތީގެ ޖުމްލަ އަގު 9 ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ.
މީގެ އިތުރުންވެސް ރަންދެލި ރިސޯޓުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް ވަނީ 10،000 ސެނިޓައިޒާ އާއި 30،000 އަންގި އާއި 10،000 މާސްކު އަދި 10،000 ފޭސް ޝީލްޑާއި 5،000 ޕީޕީއީ ކިޓު މިއަހަރުގެ މޭމަހުގެ ތެރޭގައި ހަދިޔާކޮށްފައެވެ.
ޝެވަލް ބްލާންކް ރަންދެލިއަކީ ރާއްޖޭގައި އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި އޮންނަ ރިސޯޓެކެވެ. އެ ރިސޯޓުގެ ފަރާތުން އަތޮޅުގެ ރަށްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދެ އެވެ.
ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ރަންދެލީގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑުން ވެސް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ސާމާނު ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!