ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ ވަކިކުރަން އެ ކޮމިޓީން ވެސް ނިންމައިފިއެވެ.
ޖިންސީ ފުރައްސާރަ އާއި ރިޝްވަތުގެ ތުޙުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ.
މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ނިންމައި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުުގެ ތިންބައި ކުޅަ ދެބައިގެ މެޖޯރިޓީންނެވެ.
ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް އެބަޔާނުގައި ބުނެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުޢާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމަށް މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާކަމަށެވެ.
ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް ޢަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ހިތާފައިވާކަމާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ ޢަމަލުތަކެއްކަން ތަޙްޤީޤަށް ސާބިތުވޭ
ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން މައުސޫމް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
މުހައްމަދު މައުސޫމް މަޤާމުން ސަސްޕެންޑުކޮށްފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މައުސޫމާ ގުޅޭގޮތުން އެ ކޮމިޝަނުން މައްސަލަ ބަލަން ފަށާފައިވަނީ އޭނާ ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކާ ގުޅޭ މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެފަދަ ބައެއް މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!