ނޫސްވެރިޔާ އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުނު މައްސަލައިގެ ތަހުގީގު އަވަސްކޮށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.
މީޑިއާ ކައުންސިލުން މިގޮތަށް ގޮވައިލީ އެ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައިއެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނުތާ މިއަދަށް ހަ އަހަރު ފުރިފައި ވާއިރު، ފާއިތުވެގެން ދިޔަ އަހަރުތަކުގައި މި މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އެޅުމުގައި ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ
ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާތީ އެ ކައުންސިލުން ހިތާމަ ކުރާ ކަމަށެވެ.
މި ހާދިސާ ހިނގި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެދެވޭ ގޮތެއްގައި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަނަމަ، އެކަމުގެ ފުރިހަމަ ހަގީގަތް އެނގި، މިހާރު އޮންނާނީ އިންސާފު ގާއިމް ކުރެވިފައި ކަމަށް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.
" އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނު މައްސަލައާއި ގުޅޭ ސިއްރު މައުލޫމާތު ތަކެއް ވެސް ހިމެނޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދައުލަތުގެ ބައެއް މުއައްސަސާތަކަށް ފޮނުވާފައި ވަނިކޮށް މިދެންނެވި ސިއްރު މައުލޫމާތުތައް އާންމުވެފައިވެއެވެ. މިކަމުގެ ސަބަބުން އެ މައްސަލައިގައި އިންސާފަށް ވާސިލްވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވެސް ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ މުއައްސަސާއެއްގެ އިހްމާލުން ނުވަތަ ފަރުވާކުޑަ ކަމުގެ ސަބަބުން ވިޔަސް އެ މައްސަލައިގެ އިންސާފަށް ހުރަސްއެޅޭނެ ފަދަ މައުލޫމާތުތަކެއް އާންމުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. " މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.
އެ ކައުންސިލުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެ ކައުންސިލުން ގޮވައިލާ ކަމަށެވެ.
ނޫސްވެރިޔާ ރިޟްވާން ގެއްލުނު މައްސަލައިގެ ތަހްގީގުގައި އިތުރަށް ކުރަން ހުރި ކަންކަން ކުރުމަށް ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ގެނައުމަށް ރައީސް ޞާލިހް ނިންމެވި ނިންމެވުމަށް އެ ކައުންސިލުން މަރުހަބާ ކިޔާކަމަށް އެ ކައުންސިލްގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ އެ އިންވެސްޓިގޭޓަރު ވީހާވެސް އަވަހަކަށް ރާއްޖެ ގެނެވޭނެ އިންތިޒާމް ހަމަޖައްސައި،
މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަކުރަން ހުރި ކަންކަން ވީހާވެސް އަވަހަކަށް ފުރިހަމަކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ
ފިޔަވަޅުތައް އަޅައިދިނުމަށް އެ ކައުންސިލުން ކަމާބެހޭ އިދާރާތަކަށް ގޮވައިލާ ކަމަށެވެ.
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލައި ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވަނީ ވިދާޅު ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!