ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލައި ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
މިއަދާއި ގުޅިގެން އަތުލިޔުމުން ލިޔުއްވައި އޭގެ ފޮޓޯއަކާއި އެކު ރައީސް ޞާލިޙްގެ މެސެޖު ހިއްސާކުރައްވާފައި ވާއިރު، އެމެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާނުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ، އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ.
"ހުރަސްތަކާ ދަތިތަކާއެކު ވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ،" ރައީސް ސާލިޙްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.
ގެއްލުވާލާފަިއިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ... pic.twitter.com/XDN7nfxQW2
— Ibrahim Mohamed Solih (@ibusolih) August 8, 2020
ރައީސް އިތުރަށް ވިދާޅުވީ ރިލްވާނުގެ އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން ދަނީ އިތުބާރު ކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް، ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރިޟުވާނު ވަގަށް ނަގައި ގެއްލުވާލިތާ މިއަދަކީ 6 އަހަރު ފުރޭ ދުވަހެވެ. ރިޟުވާނު އާއިލާ މީހުންނާއި ގާތްރަހުމަތެރިންނާއި ހެޔޮއެދޭ އެތައް ބަޔަކު އަދިވެސް ތިބީ ރިޟުވާންގެ މަރަށް އިންސާފު ލިބުމުގެ އުއްމީދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!