މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން ތިން މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރު ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަނެއްގައި، ދުވާފަރުން ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހެއް ކަމަށާއި، މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއިއެކު އެ ތިން މީހުން ހައްޔަރު ކުރެވުނު އޮޕަރޭޝަން ހިންގާފައި ވަނީ މި އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އެ އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނީ މި މައްސަލަ ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާކަމަށެވެ.

ދުވާފަރުގެ އިތުރުން މިމަހުގެ 7 ވަނަ ދުވަހު ގއ. ގެމަނަފުށިން 22 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުންވަނީ މިއަދު ބުނެފައެވެ. އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ރަބަރު ޕެކެޓެއް ފެނިފައި ވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން މި އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ތ. ތިމަރަފުށިން 25 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ހަތަރު ރަބަރު ޕެކެޓާއިއެކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ވަނީ މިއަދު ހާމަކޮށްފައެވެ.