ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 24 އިންސައްތަ އެއަށްވުރެ ކުޑަ ކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ބޮޑުވުމުގެ ސަބަބުން ކުންފުނިތަކަށް ލިބެންޖެހޭ ފުރިހަމަ މަންފާ މިހާރު ލިބެމުންނުދާކަމަށެވެ. މިހާރު ނަގަމުން އަންނަ 24 އިންސައްތައަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި މި އަދަދު އެއްކޮށް ކަނޑާނުލެވުނު ނަމަވެސް ޑިއުޓީ ރޭޓް ދަށްކުރުމަށް މަސައްކަތްތަކެއް ކުރަމުން އަނަން ކަމަށެވެ.

Ad
rt

އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ 2013 ވަނަ އަހަރު އެރުމާއި ގުޅިގެން ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުން އައި ޑިއުޓީގެ ޢިނާޔަތް ކަނޑާލުމުގެ ސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންއައި މަންފާ މިހާރު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ.

"ކަންނެލީގެ މަސްވެރިކަމުގައި ވެސް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދަނީ އެބޭފުޅުންނަށް ދިމާވާ ދަތިކަންތަކުގައި އެހީތެރިވެގެން ކޮންމެވެސްކަހަލަ ގޮތްތަކެއް ހޯދޭތޯކަމަށާއި، ކައިރި ޤައުމުތަކާއި އަޅާބަލާއިރު ފްރައިޓް އަދި ހޭންޑްލިން ފީތައްވެސް ރާއްޖޭގައި ބޮޑުކަމަށާއި، ޔޫރަޕަށް އެކްސްޕޯޓްކުރާ ކޮންމެ ކިލޯއަކަށް 2 ޑޮލަރު ނުވަތަ 3 ޑޮލަރުގެ ފްރައިޓް ޗާޖެއް ނަގާކަމަށާއި، އެމެރިކާއަށްނަމަ 3 ޑޮލަރާއި 4 ޑޮލަރާއި ދޭތެރޭގެ ފްރައިޓް ޗާޖެއް ނަގަމުން އަންނަ ކަމަށެވެ. އެއަރޕޯޓްގެ ހޭންޑްލިން ޗާޖުގެ ގޮތުގައި ގާތްގަނޑަކަށް ކިލޯއަކަށް 2.45 ޑޮލަރު، މިހާރުވެސް ނަގަމުން އަނަން ކަމަށާއި މިއީ އަވައްޓެރި ޤައުމުތަކާއި އަޅާބަލާއިރު ބޮޑު އަދަދެކެވެ."

ހަސަން ރަޝީދު ވިދާޅުވިއެވެ.

އެ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަސީމް ވިދާޅުވީ، ޔޫރަޕުން ނަގާ ޑިއުޓީ ބޮޑުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ނަފާ މަސްވެރިކަމުގައި ލިބެމުންނުދާކަމަށާއި، ޔޫރަޕްގެ ޑިއުޓީ ކުޑަކުރުން އެއީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށާއި، ހަޤީގަތަށް ދަންނަވަންޏާ ޑިއުޓީގެ އަގު ބޮޑުވުމުން ލިބޭ އަގެއް މިހާރަކު ނެތްކަމަށެވެ. ރާއްޖޭގެ މަސްވެރިންނަށް މަހަށް ކިރިޔާވެސް ރަނގަޅު އަގެއް ފޯރުކޮށްދެވޭނީ އަދި ރާއްޖޭގައި ޕްރޮސެސްކޮށް އެކްސްޕޯޓްކުރާ މީހުންނަށްވެސް ފައިދާއެއް ލިބިގެންދާނީ ޔޫރަޕަށް މިނަގާ ޑިއުޓީ ކުޑަކުރެވިގެން ނުވަތަ އުނިކުރެވިގެންނެވެ. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް މިކަން ކުރެވޭކަށް"

މުޙައްމަދު ވަސީމް ވިދާޅުވިއެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ގާތްގަނޑަކަށް 95 އިންސައްތަ މަސް މިހާރު ވެސް އެކްސްޕޯޓް ކުރަމުން އަންނަނީ ޔޫރަޕަށެވެ. އެހެންކަމުން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަވެއްޖެނަމަ މީގެ ފައިދާ މަސްވެރިންނަށްށާއި މަސް ކުންފުނިތަކަށް ލިބިގެންދާނެއެވެ.