ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި ރޭ ކުޅުނު މެޗުތަކުން ރިއާލް މެޑްރިޑާއި ޔުވެންޓަސް ބަލިވެ އެ މުބާރާތުން ކެޓިއިރު އެ މެޗުތަކުން މޮޅުވި މެންޗެސްޓާ ސިޓީ އަދި ލިޔޯން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗު 2-1 ން ސިޓީ ކާމިޔާބުކޮށް އަދި ރޭގެ މެޗުވެސް ހަމަ އެ ނަތީޖާއިން ކާމިޔާބުކޮށް ސިޓީ ކުއާޓާއަށް ދަތުރުކޮށްފައިވަނީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗުގެ ނުވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން ހެދި ގޯހެއްގެ ފައިދާ ނަގައި ސިޓީއަށް އެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ރަހީމް ސްޓާލިންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ރެއާލްއަށް އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީއެ ޓީމުގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ރެއާލް މޮޅުވުން މަޖުބޫރު މި މެޗުގައި އެ ޓީމަށް މައްސަލަ ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރު ވަރާން ހެދި އިތުރު ގޯހެއްގެ ފައިދާ ނަގާ ސިޓީން ދެވަނަ ފަހަރަށް މެޗުގައި ކުރި ހޯދުމާއި ގުޅިގެންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ގެބްރިއެލް ޖީސޫސްއެވެ. ސިޓީން ވަނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ.
ޔުވެންޓަސް އާއި ލިޔޯން ރޭ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-1 ގެ ނަތީޖާއިން ޔުވެންޓަސް މެޗު ކާމިޔާބު ކޮށްގެންނެވެ.
މި ދެޓީމު ލިޔޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ލިޔޯން ކާމިޔާބުކޮށްފައި ވުމާއިއެކު އެ ޓީމު ރޭގެ މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ވަނީ އެގްރިގޭޓް ނަތީޖާ އެއްވަރުވެ އަވޭ ގޯލުން ކުރި ލިބިގެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މި ދެޓީމު އެގުރިގޭޓް ނަތީޖާއަކީ 2-2 އެވެ.
ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ލިޔޯނުންނެވެ. ލިބުނު ޕެނަލްޓީއަކުން 12 ވަނަ މިނެޓުގައި އެ ޓީމަށް އެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެންފިސް ޑިޕޭއެވެ. މި ލަނޑަށްފަހު ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލިޔޯނުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން ފުލުފުލުގައި ލިޔޯންގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑާއެކު ޔުވެންޓަސްއިން ވަނީ އެ ޓީމު ކުރިއަށް ޖައްސައި އިތުރު ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިޔޯންއިން ވަނީ ޔުވެންޓަސްއަށް އިތުރު ލަނޑެ ކާމިޔާބު ކުރުމަށް ފުރުސަތުނުދީ މެޗުގެ ފަހުވަގުތުގައި ވެސް ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގެ ދެ މެޗު މިރޭވެސް ކުޅޭނެއެވެ. ބާސެލޯނާ އިޓަލީގެ ނަޕޯލީއާއި ބައްދަލު ކުރާއިރު ބަޔާން މިއުނިކް ބައްދަލު ކުރާނީ ޗެލްސީއާއެވެ. މި މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!