ދިވެހި ރާއްޖޭގެ ފެހި ޤާނޫނުއަސާސީއަށް ބާރަ އަހަރު ފުރިގެން ދިޔައިރު ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ބައެއް މަސައްކަތް ތެރީންނަށް، ރާއްޖެގައި މަސައްކަތް ކުރާ އެހެން ޤައުމުތަކުގެ މީހުންނާއި އެއްގޮތަށް ބައެއް އެލަވަންސްތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމަށް ހައްލު ލިބިފައި ނުވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅު ވެއްޖެއެވެ.

ފެހި ޤާނޫނުއަސާސީއަށް އަމަލު ކުރަން ފެށިތާ 12 އަހަރު ކަޑައްތު ކުރެވުމާއި ގުޅިގެން ގިނަ ބަޔަކު މީސް މީޑިއާގައި ޚިޔާލު ފާޅު ކުރަމުން ދާ މި ދަނޑިވަޅުގައި މަޝްޙޫރު ޤާނޫނީ ވަކީލު، މެމްބަރު ޢަލީ މިމޭރުމުން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
rt

ޢަލީ ވިދާޅުވީ ޤާނޫނުއަސާސީއަށް މިއަދު ބާރަ އަހަރު ފުރޭއިރު ވެސް ދިވެހި ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، އެކައުންޓެންޓުން އަދި ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެން ގައުމުތަކުގެ މީހުންނާއި އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުން ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

"ގާނޫނު އަސާސީއަށް މިއަދު ބާރަ އަހަރު ފުރޭޢިރުވެސް ދިވެހި ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، އެކައުންޓެންޓުން........އަދި ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެންގައުމުތަކުގެ މީހުންނާއި އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުން ހައްލެއްނުވޭ."

=ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛް ޢަލީ ޙުސައިން=

މިއަދަކީ ޖޫން 26، 2008 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، އޯގަސްޓް 7، 2008 ވަނަ ދުވަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވާ، މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ "ފެހި ޤާނޫނުއަސާސީ" އަށް މިއަދު 12 އަހަރު ފުރުނު ދުވަހެވެ.