ސޯމާލިއާގެ މޮގާޑީޝޫ އަދި އެހެން އަވަށްތަކުގެ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިދޭ އެއްނަމަކީ މުވާޑޯއެވެ. ސޯމާލިއާއަށް އުފަން އުމުރަށް 8 އަހަރުގެ މުވާޑޯ އަބްޝިރް ގެ ޔޫޓިއުބް އަދި ޓިކްޓޮކް ވީޑިއޯތަކަކީ މިލިއަނެއްހާ މީހުން ބަލަމުން އަންނަ ވީޑިއޯތަކެކެވެ.

މުވާޑޯގެ މަޖާ ވީޑިއޯތައް ތައްޔާރު ކޮށްފައި ހުންނަނީ ވަޒީފާގެ ދަތިކަން، ފެޝަން، އިޖްތިމާއީ މައްސަލަތައް އަދި ސޯޝަލް މީޑީއާ ފަދަ ކަންތައްތަކުގެ މައްޗަށެވެ.

Ad
rt

އަލްޖަޒީރާއަށް ދިން އިންޓަރވިއުއެއްގައި މުވާޑޯ ބުނެފައިވަނީ އޭނާ އަކީ މީހުން ހެއްވުމަށް ވަރަށް ޝައުގުވެރިވާ ކުއްޖެއް ކަމަށާއި މީހުން ހޭތަން ފެނުމުން އޭނާ އުފާވާކަމަށެވެ.

މިކަން ފެށުނީ ކިހިނެއްތޯ ސުވާލު ކުރުމުން ބުނެފައިވަނީ މުވާޑޯއަށްވުރެން ދޮއްޓަށް ތިބޭ 7 ކުދިންގެ ތެރެއިން އޭނާގެ ބޭބެ އަބްދިކާސިމް އަބްޝިރް ޓިކްޓޮކް ހަދާއިރު އަބަދުވެސް މުވާޑޯ ވީޑިއޯއެއް ހެދުމަށް ބޭބެ ގާތު ބުނާކަމަށެވެ. އެހެންކަމުން ފުރަތަމަ ވީޑިއޯ ހެދުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ ބޭބެ ވަނީ ޓިކްޓޮކްގައި އާންމު ކޮށްފައެވެ. ވީޑިއޯ އާންމުކުރިތާ ދެތިން ދުވަސް ތެރޭގައި ބައި މިލިއަނަށް ވުރެން ގިނަ މީހުންވަނީ އެވީޑިއޯބަލާފައެވެ.

މުވާޑޯ ބޭބެ މެންނާއި އެކު

ވީޑިއޯ އަށް އެހާގިނަ މީހުންގެ ތާއީދު ލިބުނީ އޮޅުމަކުން ކަމަށް ހީކޮށް މުވާޑޯގެ ބޭބެ ވަނީ އަމިއްލަ ވީޑިއޯއެއް ލާފައެވެ. ނަމަވެސް އެވީޑިއޯއަށް މާބޮޑު ތާއީދެއް ނުލިބުމުން އަނެއްކާ ވެސް މުވާޑޯގެ ވީޑިއޯއެއް ހަދާފައި ލުމުން ގިނަބަޔަކު ވަނީ އެވީޑިއޯއަށް ތާއީދުކޮށްފައެވެ. އެއަށްފަހު މީހުން ދިޔައީ މުވާޑޯގެ ވީޑިއޯތަކަށް ޑިމާންޑްކުރަމުން ކަމަށް މުވާޑޯގެ ބޭބެވަނީ ބުނެފައެވެ.

މުވާޑޯބޭބެގެ އެކައުންޓު ފޮލޯކުރާ 235،000 ފޮލޯވަރުން އެބަތިއްބެެވެ. އަދި ޓިކްޓޮކް ވީޑިއޯތަކަށް 3.2 މިލިއަން ލައިކްވަނީ ލިބިފައެވެ. ވީޑިއޯ ޑައުންލޯޑްކޮށް ސޯޝަލް މީޑިއާގައި ވީޑިއޯ ޝެއާކުރާމީހުންގެ އަދަދު ނުހިމަނައި ޔޫޓިއުބް ޗެނަލްއަށް އެކަނި 7 މިލިއަން ވިއު ވަނީ އަހަރެއްގެ ތެރޭގައި ލިބިފައެވެ.