މާރޗްމަހުގެ ކޯވިޑް-19 ގެ ބަލިމަޑުކަން އިއުލާން ކުރުމަށްފަހު ލެޓިން އެމެރިކާގެ ޕެރޫ އިން 1200 އަށްވުރެން ގިނަ އަންހެނުން ގެއްލިގެންވަނީ ރިޕޯރޓްކޮށްފައެވެ. އެގައުމުން ލަފާކުރާ ގޮތުގައި އޭގެ ތެރެއިން ގިނަ މީހުން މިހާރުވާނީ މަރުވެފައެވެ.
މާރޗް 16 އިން ޖޫން 30 އާއި ދެމެދު ޖުމްލަ 915 މީހުން ގެއްލިގެން ވަނީ ރިޕޯރޓްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 606 އަންހެން ކުދިންނާއި 309 އަންހެނުންނެވެ. އަންގާރަ ދުވަހު ރޮއިޓަރޒް އަށް ދިން އިންޓަރވިއުއެއްގައި އަންހެނުންގެ ހައްގުތަކާއި ބެހޭ އޮފިޝަލް އިޒަބެލް އޯޓިޒް ބުނެފައިވަނީ ގެއްލިފައިވާ އަންހެނުންގެ އަދަދަކީ ސިއްސައިގެންދާހާ ގިނައަދަދެއްކަމަށެވެ. އަދި ގެއްލިގެން ރިޕޯރޓްކޮށްފައިވާ އަންހެނުންގެ އަދަދު ސާފުކޮށް އެނގެން އޮތްނަމަވެސް ، އޭގެތެރެއިން މިހާތަނަށް ފެނިފައިވާ މީހުންގެ އެއްވެސް ރެކޯޑެއް ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ.
33 މިލިއަން މީހުންގެ އާބާދީ އޮންނަ ޕެރޫގެ އެންޑިއަން ނޭޝަންއަކީ ގެވެށިއަނިޔާގެ މައްސަލަތައް އިންތިހާއަށް ފެންމަތިވެފައިވާ ތަނެކެވެ. އަންހެނުންގެ ހައްގުތަކާއި ބެހޭ އޮފިޝަލެއް ކަމަށްވާ އެލިއާނާ ރެވޯލާރ ބުނެފައިވަނީ ޕެންޑަމިކްގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލައިތުރަށް ބޮޑުވެފައިވާކަން ފާހަގަ ކުރެވޭކަމަށެވެ.
ކޯވިޑް-19 ގެ ކުރިން ކޮންމެދުވަހަކު 5 ވަރަކަށް އަންހެނުން ގެއްލިގެން ރިޕޯރޓް ކުރާކަމަށާއި، ލޮކްޑައުންއަށްފަހު އެއަދަދު 8 އަށް އިތުރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެގައުމުން އިތުރު މަސައްކަތް ހާއްސަ ބަޖެޓަކާއި އެކު ކުރަމުން ގެންދާ ކަމަށެވެ.
ޕެރޫއަކީ 7 ވަނަ އަށް ކޯވިޑް ބަލިމީހުން ފެނިފައިވާ ގަޢުމެވެ. އެގައުމުން 447,624 މީހުން ޕޮޒިޓިވްވެފައިވާއިރު 20 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!