ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޖަޕާނުން ސަރުކާރުން ދޭ މި ސްކޮލަރޝިޕްތަކަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕް ތަކެކެވެ. ޖަޕާން ސަރުކާރުން ރާއްޖެއަށް މި ފުރުޞަތު ދީފައިވަނީ އެ ޤައުމުން ކުރިއަށްގެންދާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު"ގެ ދަށުންނެވެ.
މި ސްކޮލަރޝިޕްތައް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މި 24 ސްކޮލަރޝިޕަށް 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 19 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަ ކުރަށްވާފައި އެވެ.
ޖާޕަނު ސަރުކާރުގެ ޚަރަދުގައި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ 24 ދަރިވަރަކަށް ދީފައިވާއިރު، ޖަޕާނުން ކުރިއަށްގެންދާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު"ގެ ދަށުން މިހާރުވެސް ދުނިޔޭގެ 15 ޤައުމަކަށް ޖަޕާނުން ވަނީ ހިލޭ ސްކޮލަރޝިޕް ދީފައެވެ.
ޖަޕާނުން މިއަދު މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ 24 ދަރިވަރަކަށް ދީފައިވާއިރު، މިއަހަރުގެ ޖޫން 7 ވަނަ ދުވަހު ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް، ޖަޕާނު ސަރުކާރުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއަހަރުގެ މޭމަހުގެ 21 ވަަނަ ދުވަހުވެސް ޖަޕާނާއި ދިވެހި ސަރުކާރާއި ދެމެދު ވަނީ ބޮޑު އެހީގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. އެފަހަރު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށް ޖަޕާނު ސަރުކާރުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!