ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފެނާއި ނަރުދަމާގެ ބިލާއި ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
ފެނާއި ނަރުދަމާގެ ބިލަކީ، 20 ޖުލައި 2020 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާއި އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ފެނާއި ނަރުދަމާގެ ޚިދުމަތުގެ އަގު މީހުން ދިރިއުޅޭ ރަށްރަށުގައި ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަޝްވަރާގެ މަތިންނެވެ.
ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެކަމަށާއި، ޚިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ޚިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަންދޭންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ޚިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.
މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް ޝާއިޢުކުރަންވާނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ފެނާއި ނަރުދަމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނު ގެޒެޓުގައި ޝާއިޢު ކުރުމާއިއެކު، މި ޤާނޫނަށް މި ވަނީ އަމަލުކުރަން ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤްކުރެއްވެވި ދެވަނަ ބިިލަކީ ، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 22 ޖުލައި 2020 ވި ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.
މި އިޞްލާހުގައި، ބަޔާންކޮށްފައިވާ ގޮތުގައި މި އިޞްލާޙު ޤާނޫނަކަށްވެ އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޤާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށްގެންދަންޖެހެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި، ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުޞޫލު ބާ ކައުންސިލުން އެކުލަވާލައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ. ހަމައެހެންމެ މި މި އުޞޫލު ގެޒެޓުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، އެ ތަމްރީނު ޕްރޮގްރާމް ފަށަންޖެހޭގޮތަށް ވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ތާރީޚުން ފެށިގެން ގިނަވެގެން އެކާވީސްދުވަހުގެ ތެރޭގައި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޤާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޤާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، ޤާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިވުން މި ބިލުގައި ލާޒިމުކޮށްފައިވެއެވެ.
ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. ހަމަ އެއާއެކު މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!