އުރީދޫގެ ޚިދުމަތް ރާއްޖޭގައި ފެށިތާ ފަނަރަހަ އަހަރު ވުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން “އަތޮޅު ދުވުން" ނަމުގައި ވާޗުއަލް ރަންއެއް ބޭއްވުމަށް އިއުލާނުކޮށްފިއެވެ.
މި ވާޗުއަލް ރަން މުޅިރާއްޖޭގައި ބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާއިރު މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ރަންކަން ފާހަގަ ކުރަމުން އެ ކުންފުނީގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވެފައި ވަނީ އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށާއި އަދި މި ދަނޑިވަޅުގެ ގޮތުން މި ރަން ވާޗުއަލް ރަންއެއްގޮތުގައި ރާވާފައި މިވަނީ ގައިދުރުކަމުގެ މުހިންމުކަމަށް ވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ކަމަށެވެ.
އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް ކަމަށާއި، އެހެން އަހަރުތަކުގައި ބާއްވަމުން އަންނަ ފޯރިގަދަ ކަލަރ ރަން ބޭއްވުމަށް މި ހާލަތުގެ ގޮތުން އުދަނގޫވެފައި ވީހިނދު، އަތޮޅު ރަން އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ދުވުންތެރިންނާއެކު ކުރިއަށް ގެންދެވޭ ތަފާތު ރަންއަކަށް ވާނެކަމަށެވެ.
މި ހިނގާ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ރަންގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ފެނިގެން ދާނޭކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ.
މި ހަރަކާތުގައި ދުވުންތެރިންނަށް ހިތްވަރުދީ އުފާކުރުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވާފައިވީ ނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް އެއްގޮތަށް އެންމެހާ ފަރާތްތަކުން ވެސް ޢަމަލު ކުރުމަށް އެ ކުންފުނިން އެދިލައްވައެވެ. މި ހަރަކާތާއި ބެހޭ އިތުރު ތަފްސީލު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ކުންފުނިން ހާމަކުރަމުން ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!