މުޅިދުނިޔެއަށް ބަލިމަޑުކަމެއް ފެތުރި ދުނިޔޭގެ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރުވެސް ކޯވިޑް-19 ގެ އެއްވެސް ކޭސް އެއް ރިޕޯރޓްކޮށްފައިނުވަނީ ތުރްކްމެނިސްތާނުންނެވެ.

އަވައްޓެރި އިރާން، ކަޒަކިސްތާން އުޒްބަކިސްތާން އަދި އަފްގާނިސްތާން ފަދަ ގައުމުތަކުން ކޯވިޑް-19 ގެ ކޭސްތައް ރިޕޯރޓްކޮށްފައިވާއިރު ތުރްކްމަނިސްތާނުން ވަނީ ހަމަ އެކަނި ނިއުމޯނިއާ ފެތުރޭކަމަށް ބުނެފައެވެ. އެގައުމުން ވަނީ ކޯވިޑް-19 ގެ އެއްވެސް ކޭސްއެއް ނުފެންނަ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

Ad
rt

އެގައުމުގެ ބައެއް އިދިކޮޅުފަރާތް ތަކުން ބުނަމުންއަންނަނީ ތުރްކްމަނިސްތާނުން ކޯވިޑް-19 ފެތުރޭކަމަށް އިންކާރު ކުރަމުންދިއުމަކީ އެގައުމުގެ ރައްޔިތުން ނުރައްކަލަށް ހުޅައެޅެން ދިމާވެދާނެ ސަބަބެއްކަމަށެވެ. އިންސާނީ ހައްގުތަކާބެހޭ ބައެއް ފަރާތްތަކުން ވަނީ މިބަލިމަޑުކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުން އެގައުމުގެ ސިއްހީ އިދާރާތަކަށް މަނާކޮށްފައިވާކަމަށް ތުހުމަތުކުރަމުންނެވެ.

މީގެ ކުރިންވެސް އެކި ކަންކަމުގައި ހަގީގަތް ހާމަނުކުރާ ގައުމެއްކަމަށް ގިނަބަޔަކު ތުހުމަތުކޮށްފައިވާ ތުރްކްމަނިސްތާން އިން ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން އެކިފިޔަވަޅުތައް އަޅާފައެވެ. ސަރުކާރުންވަނީ ވަގުތީގޮތުން ދަތުރުފަތުރުގެ ހިދުމަތްތަކާޢި ، މޯލް ތަކާ ފިހާރަތައް، ރެސްޓޯރެންޓްތައް އަދި އެހެން އާންމުތަންތަންވެސް ބަންދުކޮށް ކޯވިޑް-19 ހޮޓްލައިންއެއް ގާއިމްކޮށް ރައްޔިތުން މާސްކުބޭނުންކުރަން އަމުރުކޮށްފައެވެ.

އެގައުމުންވަނީ މިއަހަރުގެ ފެބުރުއަރީމަހު ޗައިނާގެ ފުލައިޓުތައް އެކީހުއްޓާލާ ބަޔެއްގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައެވެ. އަދި އެގައުމުގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށއ އެސަރަހައްދަށް ހުރިހާ އިންޓަރނޭޝަނަލް ފްލައިޓްތަކެއް ޑައިވާރޓް ކޮށްފައެވެ. ގައުނަށް އެތެރެވެވެނީ 14 ދުވަހުގެ ކަރަންޓީނަކަށް ފަހުއެވެ.

ޖުލައި މެދުތެރެއިން ޑަބްލިއުއެޗްއޯގެ ޓީމަކުން ވަނީ ތުރްކްމަނިސްތާންއަށް ޒިޔާރަތްކޮށްފައެވެ. ނަމަވެސް އެޓީމުން އެގައުމުގެ ސަރުކާރުގެ ސިއްހީ އެއްވެސް ޑޭޓާއެއް ބަލާފައެއް ނުވެއެވެ. އެމީހުންވަނީ ކޯވިޑް-19 އިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށްފަހު ފުރައިގެން ގޮސްފައެވެ.

އޭޕްރީލް 22 ގައި އެގައުމުގެ ފޮރިން މިނިސްޓަރ ރާޝިދް މެރެޑޮވް ދެއްވި އިންޓަރވިއުގައިވަނީ އެގައުމުން އެއްވެސް ކަމެއް ސިއްރުނުކުރާކަމަށާއި، ބައްޔަށް އެއްވެސް ރައްޔިތަކު ޕޮޒިޓިވްވާނަމަ އެކަން ހާމަ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.