ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވައި، އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވައި އެކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުން ވަރަށް މުހިއްމުކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް ބޮޑުތަނުން އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގަ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
"އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫން"
ރައީސް ވިދާޅުވިއެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުން. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ. @HPA_MV ގެ އެންގުންތަކަށް ޢަމަލުކުރައްވާ. ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން.
— Ibrahim Mohamed Solih (@ibusolih) August 3, 2020
ރައީސުލް ޖުމުހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ، ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންކަން ފާހަގަކުރައްވާފައެވެ.
އިއްޔެ މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4164 އަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާދޭން ޖެހިފައިވާ މީހުންގެ އަދަދު މިހާރު 1489 އަށް އަރާފައިވާއިރު މީގެތެރެއިން 84 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައެވެ. އަދި ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!