"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ފުލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ބައެއް މުވައްޒަފުން ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ކޮމިޓީގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.
މިކަމާއި ގުޅިގެން އެ ކޮމިޓީން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ އެ ކޮމިޓީއިން ކުރިން ނިންމާފައިވަނީ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށެވެ. މި މަސައްކަތުގައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، ކޮމިޓީ މުވައްޒަފުންތަކެއް ކޯވިޑަށް ފައްސިވުމުން ކުރިން ކަނޑައެޅިފައިވާ މުއްދަތުގައި އެ މަސައްކަތް ނިންމާނުލެވޭނޭ ކަމުގައި އެ އިޢުލާނުގައި ބުނެފައި ވެއެވެ.
އިތުރަށް ބުނެފައިވަނީ 28 ޖުލައި 2020 ގައި ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، މި ކޮމިޓީގެ ބައެއް މުވައްޒަފުން ކަރަންޓީނު ކުރަންޖެހި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ. އަދި 2 އޮގަސްޓް 2020 ގައި މި ކޮމިޓީގެ އިތުރު މުވައްޒަފަކު ކޯވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އަންގާފައި ކަމަށެވެ.
އެ ކޮމިޓީން ވަނީ އެންމެ ފުރަތަމަ ޢާންމުކުރުމަށް ނިންމާފައިވާ ކެޓަގަރީތަކުގެ ކުރެވިފައިވާ މަސައްކަތްތަކާއި ނުނިމިހުރި މަސައްކަތްތަކުގެ ތަފްސީލް ވެސް އާންމުކޮށްފައެވެ. އެ ތަފްސީލު ތިރީގައި ބަޔާން ކުރެވިފައި އެ ވަނީއެވެ.
| ކެޓަގަރީ | ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައި | ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ |
| H4 (ޑޮކްޓަރުންނާއި ނަރުހުން) | 284 ފަރާތް | 1 ފަރާތް (މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ) |
| H5 (ޓީޗަރުން) | 720 ފަރާތް | 1 ފަރާތް (މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ) |
| H8 (މާލޭ ރަށްވެހިން) | 4261 ފަރާތް | 23 ފަރާތް (މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ) |
މި ކެޓަގަރީތަކުގެ ޢިއުލާންގައި ހެމެނިފައިވާ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަ ކުރެވިފައި ނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަނީ ނިމިފައި ކަމަށާއި، އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައި ކަމަށް އެ ޢިއުލާން ގައި ވެއެވެ.
މިގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާ ކަމަށާއި އަދި ކޮމިޓީގެ މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރަން ފަށާނެކަމުގައި ވެސް އެ އިޢުލާނުގައިވެއެވެ.
ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން ހުސްވި ޖުލައި 7 ވަނަ ދުވަހު އާންމުކޮށްފައި ވާއިރު، ޖުމްލަ 475 މީހުން ހިމެނޭ އެ ލިސްޓަކީ، ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށް ފްލެޓް ކޮމެޓީއިން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ނިމުނު ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓު ނިންމަން ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. އެކަމަކު މަސައްކަތް ނިންމަން އަދި އަށް މަސްވަރު ނަގާނެ ކަމަށް، ހުސްވި ޖުލައި 6 ވަނަ ދުވަހު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އެ ދުވަހު ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ އެހާތަނަށް 40 ޕަސެންޓް ގޭގެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ބާކީ ހުރި 60 ޕަސެންޓް ގެތަކުގެ ހާލަތު ބެލުމަށް ފަހު، އެ މަސް ނިމޭއިރު ލިސްޓް އާއްމުކުރަން ފަށާނެ ކަމަށެވެ.
މި ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ކުރީ ސަރުކާރުން ވަނީ ނެރެފަ އެވެ. އެކަމަކު މި ސަރުކާރުން ނިންމީ ފްލެޓް ލިބުނީ ހައްގު މީހުންނަށްތޯ ކަށަވަރުކުރަން އަލުން ފޯމްތައް ބަލައި، ހާލަތު ވަޒަންކުރާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!