އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްލަވާލައްވައިފިއެވެ.
އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު އެމަނިކުފާނު ބައްލަވާ ލައްވާފައިވަނީ، އެ ހޮސްޕިޓަލުގެ ޑިރެކްޓަރ، އިންޓަރނޭޝަނަލް ޕޭޝަންޓް ރިލޭޝަންސް، ބާބޫ މެނަންއާއި މިއަދު ފޯނުން ގުޅުއްވައިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ފޯނު ކޯލުގައި ނައިބު ރައީސް ދެއްކެވި ވާހަކަ ފުޅުގައި ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ވެސް، ދިވެހި ބަލި މީހުންނަށް ޞިއްޙީ ފަރުވާދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ ޤައުމުގައި ޞިއްޙީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރައްވާ ފައިވާ ދައުރު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ދަތި ހާލަތުގައި ވެސް، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އަލިއަޅުއްވައި ލައްވައި އެމަނިކުފާނު ވަނީ، ކޯވިޑް-19 އާއި ގުޅިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި މެދު ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން، އެ ކަންކަން ހައްލުކޮށް، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ." ރައީސް އޮފީހުން ބުނެފައި ވެއެވެ.
ނައިބު ރައީސް ވަނީ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންގެ ހާލު ވަކިވަކީން އައްސަވާފައި ކަމަށާއި، އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާއި ގުޅޭ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވައި، އެ މީހުންގެ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން އެމަނިކުފާނު އެދިވެޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަ ކުރަށްވާފައެވެ.
ކުރިއަށް އޮތް ތަނުގައިވެސް، އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހީން ޞިއްޙީ ފަރުވާ ހޯދުމުގައި ޚިޔާރުކުރާނެ ހޮސްޕިޓަލެއް ކަން ފާހަގަކުރައްވައި، އެ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ނައިބު ރައީސް އެ ފޯނު ކޯލުގައި އެދިވަޑައިގަތް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ، އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ވެސް ބާބޫ މެނަންއާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވެފައި ވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!