ފެހިވިނަ: ހޭލެއްވި ހަނދާންތައް

FEhivina

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

އަޅުގަނޑުމެން އުމުރުގެ މީހުންނަށް އެ މޫނު އަލެއް ނުވާނެއެވެ. އެ އަޑު ވެސް އެނގޭނެއެވެ. ރީތި ފަން އިސްތަށިގަނޑެކެވެ. ހުންނާނީ އަބަދު ވެސް ރީތިކޮށް ފުނާއަޅުއްވާ އޮމާންކޮށްފައެވެ. އާންމުކޮށް ލައްވާނީ އަތްކުރު ގަމީހެވެ. ގަމީސް ދަށަށް ޖައްސަވާފައެވެ. އެއީ "ފެހިވިނަ ޝަރީފު"ގެ އިސްޓައިލެވެ. ޓީވީއެމުން 1998 ވަނަ އަހަރު ފޮނުވަން ފެށި ތިމާވެށްޓާ ބެހޭ ޕްރޮގްރާމާއެކު އަޅުގަނޑަކީ ވެސް ޝަރީފުގެ ރައްޓެއްސެކެވެ. ރާއްޖޭގެ އެ ދުވަސްވަރުގެ އެންމެން ކަހަލަ ގޮތަކަށް ޝަރީފު ދަންނަފަދައިންނެވެ. އެކަން ނޭނގޭނީ ޝަރީފަށެވެ. މިހާރު ޓީވީއެމުން ފެހިވިނަ ޕްރޮގުރާމުތަކުގެ ފަށްކުރުންތައް އަލުން ދައްކަން ފެށުމުން އޭރުގެ ހަނދާންތައް އަލުން ހޭލައްވައިފިއެވެ.

ފެހިވިނަ ވުޖޫދަށް ގެނައީ ތިމާވެށްޓާމެދު ޝަރީފުގެ ހިތުގައި އޮތް ލޯތްބާއި ޝައުޤުވެރިކަން ނޫން އެހެން ކަމެއް ނޫނެވެ. ފެހިވިނައަކީ ޝަރީފު ހުށަހެޅުއްވި ޓީވީ ޕްރޮގްރާމެކެވެ. އޭނާގެ ޚިޔާލާއި ޝުޢޫރުތަކުގެ މައްޗަށް ގިނަ ރިޕޯޓްތަކެއް ތައްޔާރުކުރެއްވިއެވެ. އެއީ އޭރު ޓީވީން އޭރު ފޮނުވި އެހެން ޕްރޮގްރާމްތަކާ ތަފާތު ޕްރޮގްރާމެކެވެ.

ރާއްޖޭގެ އެކިއެކި އަތޮޅުތަކަށް ދަތުރުކޮށްގެން އެކިއެކި ރަށްރަށުގެ ތިމާވެށީގެ މައްސަލަތައް ހުށަހަޅައިދޭން ފެށުމުން ޕްރޮގްރާމުގެ މަގުބޫލުކަން ބޮޑުވިއެވެ. އޭރު އެ ޕްރޮގްރާމުން އުފައްދަމުން ދިޔައީ އުންމީދެވެ. އެއީ އުންމީދު ޒާހިރުގެ އުފެއްދުންތެރި ޚިޔާލެވެ. އެއީ ދިވެހިންގެ ގެވެހި ދިރިއުޅުމާއި ދިވެހިވަންތަ ވައްޓަފާޅިއާ ބެހޭގޮތުން ތަފާތު ނަންނަމުގައި ޕްރޮގްރާމްތައް އުފައްދާފައިވާ ސިކުނޑިއެކެވެ. ހުންގާނާއި ދަންމާނާއި ފަންރިޔަލެވެ. ކަނޑުހުރަހާއި އެބަނދަރާއި ކެޔޮޅާބޭބޭ އެވެ. ހޮޅުއަށްޓާއި ރަށްރަށުންނެވެ. ފެހިވިނައިގައި ވެސް އޭނާ އެކުލަތައް ޖެއްސެވިއެވެ.

ފެހިވިނަ އަމާޒުކޮށްފައި ވަނީ ޙަޤީޤަތުގައި ރަށްރަށުގައި ހުރި ތިމާވެށީގެ މައްސަލަތަކަށެވެ. އޭރު އެއީ އާންމު ރައްޔިތުން މާބޮޑު ސަމާލުކަމެއްދޭ މައްސަލަތަކެއް ނޫނެވެ. އެކަމަކު ފެހިވިނަ ޕްރޮގްރާމް ވީ މައްސަލައަކެވެ. އެ ޕްރޮގްރާމް ޙަޤީޤަތުގައި ހުއްޓާލަން ޖެހުނީ އެހެންވެއެވެ. އެ ޕްރޮގްރާމުން ރަށްރަށް ސާފުތާހިރު ކުރުވިއެވެ. ބޮޑެތި ގޮނޑުތައް ނަގައި އަތިރިމައްޗަށް ފޭބޭވަރު ކޮށްލަދިނެވެ. ޚާއްޞަކޮށް ކުންޏާމެދު ވިސްނަން ރަށްރަށުގެ ވެރިންނަށް މަޖުބޫރުވިއެވެ. ރަށްރަށަށް ގޮސް ކެމެރާ ޖައްސާލުމާއެކު ފެންނަ މަންޒަރެއް އެއީ އެ ރަށެއްގެ ހާލަތެވެ. އެހެންވެ އެކަން ފޮރުވަން އެއް ބަޔަކު ބޭނުންވީއެވެ. ބައެއް ރަށްރަށު ރައްޔިތުން ނިކުމެ މުޅިރަށް އިލޮށިފަތިން ކުނިކަހާ ސާފުކުރީއެވެ. ބައެއް ޕްރޮގްރާމުތަކުން މަގެއް މަތިން ގަހެއްގެ ހިކި ފަތެއްހާ މިންވަރު ވެސް ނުފެންނަ ވަރަށެވެ.

އެއީ ކޮންމެ ރަށެއްގައި ވެސް ހުރި ތިމާވެށީގެ ހުރިހާ މައްސަލަތަކެއް ހޯދައިބަލައި ކޮށްފައިވާ އަގުހުރި ދިރާސާއެކެވެ. ދިވެހި މުދައްރިސްކަމާއި ހެޑްމާސްޓަރުކަން ވެސް ކުރެއްވި މުޙައްމަދު ޝަރީފާއި އުންމީދު ޒާހިރުގެ ޓީމުން ކޮށްފައިވާ ޤައުމީ ޚިދުމަތެކެވެ. ފެހިވިނަ ޝަރީފު އެކަން ކުރެއްވީ ހިލޭ ސާބަހަށްކަމުގައި އަޅުގަނޑަށް އެނގިފައިވެއެވެ.

ހަމައެކަނި ކުނީގެ މައްސަލައެއް ނޫނެވެ. ފެނުގެ މައްސަލައާއި ރަށްގިރުމާއި ފަޅުފަޅާއި ފަރުތަކާ ހަމައަށް އެ ޕްރޮގްރާމުގައި ނަޒަރު ހިންގާފައި އެބަހުއްޓެވެ. އެކިއެކި ތަންތަނުގައި ފޫޓުއަޅާތީ ވެސް ފެނެއެވެ. ނަރުދަމާއާއި ރަށުގެ އާބާދީއާއި ދިރިއުޅުމުގެ ހާލަތަށް ބަލައެވެ. ރަށްރަަށުގައި އާންމުކޮށް ހެދޭ ގަސްގަހާގެއްސާއި ތިމާވެށީގެ ގޮތުން ހިމާޔަތްކުރަންޖެހޭ ކަނޑޫފާތަކާއި ކުޅިތަކަށް ޒިޔާރަތް ކުރެއެވެ. ތާރީޚީ ބިނާއެއް ހުރިއްޔާ އެތަނެއް ބަލައި އެތަނަކާބެހޭ މަޢުލޫމާތު ހިމަނައެވެ. ރައްޔިތުންގެ ވިސްނުން ހުންނަ ގޮތާއި ތިމާވެށްޓާމެދު ދެކޭގޮތާ ހަމައަށް ފައިބައެވެ. ކޮންމެ ރަށަކުން ވެސް ކޮންމެ ވެސް ޒިންމާދާރު ވެރިއެއްގެ ވާހަކަފުޅު ގެނެސްދެއެވެ. ރަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމާބެހޭ ގޮތުންނެވެ. ތިމާވެށީގެ މައްސަލަތަކާމެދު އެ ވެރިއަކު ދެކެވަޑައިގަންނަވާ ގޮތާބެހޭ ގޮތުންނެވެ. އެ ވެރިއަކު ދައްކަވާ ވާހަކަ ކޮންމެ ގޮތަކަށް ދެއްކެވިޔަސް ފެހިވިނަ ޓީމުން ގެނެސްދެނީ އެ ޓީމުގެ ލޮލަށް ފެނުނު މަންޒަރުތަކެވެ. ކެމެރާތަކަށް ފެނުނު ތަންތަނެވެ. އެ ޓީމަށް ގަބޫލުކުރެވުނު ޙަޤީޤަތްތަކެވެ. އެ ޕްރޮގްރާމުގެ މައްސަލައަކީ އެއީއެވެ.

އެ ދުވަސްވަރު ދިވެހިންގެ ގިނަބައެއްގެ ވިސްނުންހުރިގޮތެވެ. އޭރު ބެލެނީ އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުމަކީ ހުތުރު ކަމެއް ކަމަށެވެ. އަމިއްލައަށް ފަޟީހަތްވެ ބޭޒާރުވުން ކަމަށެވެ. ޙަޤީޤަތަކީ އެއީ ކަމަށްވިޔަސް ޙަޤީޤަތް ހާމަކުރަން އޭރު ޖެހިލުންވެއެވެ. ރަށުގެ އަގު ވެއްޓިދާނެތީ އޭރު ބިރުގަނެވެ. ފެހިވިނައިގެ ކޮންސެޕްޓް އެއް ބަޔަކަށް ކަމުނުދިޔައީ އެހެންވެއެވެ. އެހެންނަމަވެސް ރަށުގެ މަންޒަރުތައް ޓީވީން ފެންނާތީ އާންމު ރައްޔިތުން އެ ޕްރޮގްރާމު ދިޔައި ޝައުޤުވެރިކަމާއެކު ބަލަމުންނެވެ. ރަށުގެ ތަންތަނާއި މީހުންނާ ރަށާބެހޭ މަޢުލޫމާތު ޓީވީ ފެނުމަކީ ރައްޔިތުން އޭރު ވެސް އުފާވާ ކަމެކެވެ.

ފެހިވިނަ ޕްރޮގްރާމް 2006 ވަނަ އަހަރު ޓީވީއެމުން ހުއްޓާލީ 250 ބޮޅު ހަމަކޮށްފައެވެ. އެ ހިސާބަށް ދިޔައިރު ރާއްޖޭގައި އަޅަމުންދިޔަ ސިޔާސީ އޮއިވަރު އޮތީ ބާރުވެފައެވެ. ރައްޔިތުންގެ ވިސްނުން ދިޔައީ ބަދަލުވަމުންނެވެ. އެހެން ކަންކަމެކޭ އެއްގޮތަށް ރަށްރަށުގައި ހުރި ތިމާވެށީގެ މައްސަލަތަކުގެ ވާހަކަ ވެސް ދައްކަން ފަށައިފިއެވެ. ފެހިވިނަ ޕްރޮގްރާމު ހުއްޓާލީ އެހިސާބުންނެވެ.

ފޮޓޯ: އަވަސް

މިއަދު ފެހިވިނަ ޕްރޮގްރާމަކީ ޤައުމީ ބޮޑު ތަރިކައެކެވެ. 1990 ގެ އަހަރު ތަކުގެ ފަހުކޮޅާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަންޒަރުތަކާއި ހާލަތު ފެންނަ އަރުޝީފެކެވެ. އަޅުގަނޑު ދަންނަ އެތައް ބޭފުޅުންނެއް އެ ޕްރޮގްރާމުން އެބަފެނެއެވެ. އޭގެތެރޭގައި ރަށްރަށުގެ ވެރިކަން ކުރެއްވި ޚިދުމަތްތެރި ވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިއަދު ވަނީ އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގެންފައެވެ. އަޅުގަނޑު ހިތުން އެ ބޭފުޅުންގެ ޚިދުމަތުގެ އެ ޞަފުޙާތައް އެ ރަށްރަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ވެސް ވަރަށް މުހިންމު ވާނެއެވެ. ހަމަ އެހެންމެ އެ ރަށްރަށުގެ ތާރީޚާއި އާދަކާދައާއި ޚާއްޞަ ސިފަތައް ގެނެސްދީފައިވާތީ މިއަދު ފެނިވިނައިގެ މުހިންމުކަން އެބަ ބޮޑުވެއެވެ. ލޯކަލް ޓޫރިޒަމު ފެތުރެމުންދާ ދުވަސްވަރެއްގައި އެ މަންޒަރުތަކާއި އެ މަޢުލޫމާތުތައް މުހިންމު ވާނެއެވެ. ގިނަ ރަށްރަށުގައި އެފަދަ ތަކެއްޗެއް މިއަދަކު ނެތެވެ.

އޭގެފަހުން ގިނަ ރަށްރަށުގައި ފަޅުކޮނެ، ބަނދަރުހަދައިފިއެވެ. ގިނަ އަދަދެއްގެ ގެވަޅުތައް ދޫކޮށް ވަލާއި ހޭޅިފަށް ވީތަނެއް ނޭނގެއެވެ. ބައެއް ރަށްރަށް ދެގުނައަށް ވުރެވެސް ބޮޑުވެއްޖެއެވެ. އެ ދުވަހާ މިއަދު މުޅިން ތަފާތެވެ. މިއަދުގެ ޒުވާން ކުދިންނަށް އަދި މާދަމާގެ ޖީލަށް މިއީ ކިޔައިދޭންޖެހޭނެ ވާހަކަތަކެކެވެ. މި ވާހަކަތައް ކިޔައިދޭން ބަލާއިރު އެންމެ ރީއްޗަށް އެ ދުވަސްވަރު ކިޔައިދޭނެ އެއް މަސްދަރަކަށް ހަމަ ގައިމު ވެސް ފެހިވިނަވާނެއެވެ. ކުރީގެ އެ ޕްރޮގްރާމުތައް ބަލާއިރު އަޅުގަނޑުގެ ހިތަށް އެބަ އަރައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *