މާތް ﷲ އާއި، މާތް ނަބިއްޔާގެ ކަރާމަތަށް އަރައިގަނެ، ޤަދަރުކުޑަކޮށް، ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓެއް ނެރެފައިވާ ކަމަށާއި، އެ ރިޕޯޓަށް "އުތެމަ" ޖަމްޢިއްޔާއިން ތާއީދު ކޮށްފައިވާތީ އެ ދެ ޖަމްޢިއްޔާއާއި މެދު އަވަސް ފިޔަވަޅު އަޅައި ދިނުމަށާއި، އެ ރިޕޯޓުތައް ނެރުމުގައި ޝާމިލްވި އެއްވެސް މީހެއް ސަރުކާރުގެ ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާއިން ވަކިކޮށް ފިޔަވަޅު އަޅައި ދިނުމަށް ހދ. ނޮޅިވަރަމް، ޖަމިއްޔަތުއްރިސާލާއިން ގޮވާލައި ފިއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިޖްތިމާއީ މަސައްކަތްތަކުގައި ނޮޅިވަރަމް ގައި ހަރަކާތްތެރި ވަމުން އަންނަ ޖަމްޢިއްޔާ އެއް ކަމަށްވާ ޖަމިއްޔަތުއްރިސާލާއިން މިގޮތަށް ގޮވައިލީ އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއް ގައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމެއް ކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރާއި
ދެކޮޅަށް ކަމަށް ބުނެ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި މާތްﷲ އާ މާތް ނަބިއްޔާގެ ކަރާމަތަށް އަރައިގަނެ، ޤަދަރުކުޑަކޮށް، ފުރައްސާރަ ކޮށްފައި ވާކަމަށް ތަހުގީގުން ސާބިތުވެފައި ވަނިކޮށް، އެ ކުފުރުގެ ރިޕޯޓަށް ތާޢީދުކޮށް އުތެމަ ޖަމްޢިއްޔާއިން ރިޕޯޓެއް ނެރެފައި ވާކަމަށެވެ.
"އިސްލާމް ދީނުގެ ޞައްޙަ ޢިލްމާއި ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިނުވާ މީހަކަށް، އެ ދީނުގެ ކަމަކާމެދު ޝައްކު އުފެދުމަކީ ވެދާނެ ކަމެކެވެ. އެފަދަ ކަމެއް ކުރިމަތިވާ ހިނދު، އެމީހަކީ އީމާނުގެ އަހުލުވެރިއެއް ކަމުގައިވާނަމަ، އޭނާ ކަންތައް ކުރާނެ ގޮތަކީ އިސްލާމީ ޢިލްމުވެރިންގެ ގާތުން އެކަމެއް އޮޅުން ފިލުވައި ހިތުގައިވާ ޝައްކުތައް ފިލުވާލުމަށް މަސައްކަތް ކުރާނީއެވެ."
ޖަމިއްޔަތުއްރިސާލާގެ ބަޔާނުގައި ބުނެފައި ވެއެވެ.
"އެހެންނަމަވެސް އެމް.ޑީ.އެން ގެ ރިޕޯޓުން ފެންނަން އޮތީ ﷲގެ ރަސޫލާ އަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައިވާ ތަނެވެ. ހަމައެފަދައިން "އުތެމަ" އިން އެ ރިޕޯޓަށް ތާޢީދުކޮށް ނެރެފައިވާ ރިޕޯޓުގައި ވެސް މިވަނީ، މީހެއްގެ ހިތުގައި ޝައްކެއް އުފެދި ނުވަތަ ހަމައެކަނި ނޭންގުމުގެ ސަބަބުން އެބައި މީހުންގެ އަތްތަކުން ލިޔެފައިވާ ވާހަކަތަކެއް ކަމުގައި މި ޖަމިއްޔާއިން ނުދެކެމެވެ. އެހެނީ އެ ރިޕޯޓުގައި އެބައިމީހުން ޙައްޤުތަކުގެ ގޮތުގައި ދެކެ އެކަންކަން ހުއްދަ ކުރުމަށް ގޮވާލާފައި އެވާ އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަމީ އެންމެކުރިން ފެށިގެން މިއަދާ ހަމައަށްވެސް އިސްލާމީ އުއްމަތުގައި އެކަމެއްގެ ޙަރާމްކަމާއި މުޑުދާރުކަމާމެދު އެއްވެސް ޚިލާފެއް އޮތް ކަމެއްނޫނެވެ."
ޖަމިއްޔަތުއްރިސާލާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ޖަމިއްޔާއިން ބުނީ، އެ ސަބަބަށްޓަކައި އެޖަމްޢިއްޔާއިން ގަބޫލުކުރާ ގޮތުގައި އެ ދެ ރިޕޯޓުގައި އެވާފަދަ ބަސްތަކެއް، އެމީހެއްގެ ހިތުގައި އީމާންކަމުގެ ނޫރުގެ ކުޑަވެސް މިންވަރެއްވާ މީހެއްގެ ފުށުން ބޭރުނުވާނެ ކަމަށާއި، އެފަދަ ބަސްތަކެއް ބޭރު ވާނީ އިސްލާމް ދީނުގެ ޢަދުއްވުންގެ ފުށުން ކަމަށެވެ.
އެ ސަބަބަށްޓަކައި އެމްޑީއެން އާއި އުތެމަ އިން ކޮށްފައި ވަނީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށާއި، އެ އަމަލު އެންމެ ހަރުކަށި
ޢިބާރާތުން، އެ ޖަމިއްޔާގެ ފަރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ޖަމްޢިއްޔާއިން ބުނީ މިފަދަ އަމަލުތައް ކުރާނަމަ މުޖުތަމައުގެ ތެރޭ ހަމަނުޖެހުން އުފެދި، ދީނީ ޖޯޝުގައި ހިނގާފާނެ ކަމަކަށް ޒިންމާ ވާން ޖެހޭނީ އެ ރިޕޯޓުތައް ނެރުނު ފަރާތްތަކުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ އެފަދަ ހަމަނުޖެހުމެއްގެ ތެރެއަށް ދިވެހި ލޮބުވެތި ގައުމު ވެއްޓިގެން ދިއުމުގެ ކުރިން އެމްޑީއެން އަދި "އުތެމަ" އާމެދު ޝަރުޢީގޮތުން ޙައްޤު ފިޔަވަޅު އެޅުމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާއާއި ގާނޫނު ހަދާ މަޖިލީހާއި ޝަރުޢީ އެންމެހައި ކޯޓުތަކެއްގެ އަރިހުން، މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވައި މިކަމުގައި ޝާމިލްވާ އެއްވެސް ފަރާތެއް ސަރުކާރުގެ ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާއިން ވަކިކޮށްދެއްވުން އެދި އެންމެހައި މުސްލިމު ދިވެހި ރައްޔިތުންގެ ފަރާތުން މި ޖަމިއްޔާއިން ގޮވާލަމެވެ."
ނޮޅިވަރަމް، ޖަމިއްޔަތުއްރިސާލާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީއެންއާއި، އުތެމައިން ނެރެފައިވާ އިސްލާމްދީނަށް ފާޑު ކިޔާފައިވާ ރިޕޯޓުތަކާއި ގުޅިގެން އެ ރިޕޯޓުތައް ކުއްވެރިކޮށް، އެ ދެ ޖަމްޢިއްޔާއަށް ފިޔަވަޅު އަޅައި ދިނުމަށް ރާއްޖޭގެ ބައެއް ކައުންސިލް ތަކުންނާއި، ބައެއް ޖަމްޢިއްޔާތަކުން އަންނަނީ ގޮވާލަމުންނެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ "ޢިލްމުވެރިންގެ ގުޅުން" އިން ހާމަ ކޮށްފައި ވާގޮތުގައި މިހާތަނަށް ރާއްޖޭގެ 13 ކައުން ސިލަކުން ނާއި، 11 ޖަމްޢިއްޔާއަކުން އަދި ސިޔާސީ ޕާޓީއަކުން ވަނީ އެ ރިޕޯޓުތައް ކުއްވެރިކޮށް، އެ ދެ ޖަމްޢިއްޔާއަށް ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި ފައެވެ.
މީގެ އިތުރުން އެކަމަށް ގޮވާލައި 30 ޖަމްޢިއްޔާއަކުން ވަނީ ގުޅިފައިވާ ބަޔާނެއް ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!