ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަން ވާނީ ޤާނޫނު ތަކާއި، ޤަވާޢިދު ތަކަށް ބޯލަނބައި، އިންސާނީ ކަރާމަތާއި، ސަލާމަތަށް އިސްކަން ދީގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް މި މޭރުމުން ވިދާޅުވީ، ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް މީހަކު ހައްޕުނޑު ޖަހާފައި ވާކަމަށް ރޭ ފުލުހުން ބުނެފައި ވަނިކޮށެވެ.
އަކްރަމް ވިދާޅުވީ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲގެ އިރާދަ ފުޅާއިއެކު މިހާލަތު ރަނގަޅު ކުރުމަށް އެންމެން އެކުގައި ތެދުވާން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަން ވާނީ ޤާނޫނު ތަކާއި، ޤަވާޢިދު ތަކަށް ބޯލަނބައި، އިންސާނީ ކަރާމަތާއި، ސަލާމަތަށް އިސްކަން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲގެ އިރާދަ ފުޅާއިއެކު މިހާލަތު ރަނގަޅު ކުރުމަށް އެންމެން އެކުގައި ތެދުވާން ޖެހޭ، ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަން ވާނީ ޤާނޫނު ތަކާއި، ޤަވާޢިދު ތަކަށް ބޯލަނބައި، އިންސާނީ ކަރާމަތާއި، ސަލާމަތަށް އިސްކަން ދީގެން"
އަޙްމަދު އަކްރަމް، އީސީގެ ނައިބު ރައީސް
Covid ge haalathu goahun goahah dhaairu, Allah ge iraadhafulhaai eku mi haalathu rangalhu kurumah ehmen ekugai thedhuvan jehey, siyaasee party thakun siyaasee harakaaithah hinganvaanee gaanoonuthakaai gavaaidhu thakah boalabaa insaanee karaamaathaai salaamathah iskandheegen.
— Ahmed Akram (@akram4535) July 28, 2020
އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އަންނަނީ މާލޭގައި "އެންމެން އެކުގައި" ނަމުގައި މުޒާހަރާތަކެއް ބާއްވަމުންނެވެ. މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި 26 ވަނަ ދުވަހުގެ ރޭ ފެށި އެ މުޒާހަރާތަކުގެ ތެރެއިން ރޭ ވެސް ވަނީ އެ ކޯލިޝަނުން މާލޭގައި މުޒާހަރާ ކޮށްފައެވެ.
އެ ކޯލިޝަންގެ އިސްވެރީން ލީޑުކުރަމުންދާ މި މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި މީހަކު ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާތީ، ފުލުހުންވަނީ އެކަން ހާމަކޮށް އެ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ފޮޓޯވެސް އާންމު ކޮށްފައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ފާޑު ކިޔުން ވަނީ އެ ކޯލިޝަނަށް ވަރަށް ބޮޑަށް އަމާޒު ވެފައެވެ.
އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބްރައީސެއް ކަމަށްވާ، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ކޯލިޝަނުން އެފަދަ ކަމެއް ނުކުރާނެ ކަމަށާއި، ސީސީޓީވީ ކެމެރާއިން ބަލައި، އެކަން ކުރި މީހަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
"ސިޔާސީ ސްޓަންޓު ނުޖައްސަވާ. ތީތި ނުހިނގާނެ. މާލެ ވަށައިގެން ހުންނާނެ ސީސީޓީވީ. އެ ބަލައިގެން ތި މުޑުދާރު އަމަލު ހިންގި ފަރާތް ހިފައި ހައްޔަރުކުރޭ. ތިއީ ބަޔަކު މަޖަލަކަށް ވެސް ކުރާވަރު ކަމެއް ނޫން،" ޝިޔާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ފުލުހުން ވެސް ވަނީ ރޭ އިރާކޮޅު ނެރުނު ބަޔާނެއްގައި މި ވަގުތަކީ ކޯވިޑް-19 އަށް ދިވެހިރާއްޖެއިން މީހުން ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއި، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންވެސް ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ޞިއްޚީީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް ހަނދުމަ ކޮށްދީ، އަދި ޤާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!