ރާއްޖޭގައި ކޯވިޑް-19 ހާލަތު އިތުރަށް ގޯސްވެ، "ނުރައްކަލުގެ ރަނގަބީލު" ގެ އަޑުގަދަވަމުންދާ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.

މިނިސްޓަރު އަބްދުﷲ އަމީން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އެދޭކަމަށެވެ.

Ad
rt

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑު ލުއިގެ ނަތީޖާ އަކީ އާދަޔާ ޚިލާފަށް ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެ ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މައްޗަށް ދިއުމެވެ.

މިއަދު ރާއްޖެ އިން ވަނީ ފަހަކަށް އައިސް ރެކޯޑް އަދަދަކަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ. ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ 9 މީހަކާއި ސްރީލަންކާގެ 4 މީހަކާއި އަދި ފިލިޕިންސްގެ އެކެކެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، މިހާރު ފެންނަމުން ދަނީ ރާއްޖޭގައި އެ ބަލީގެ ދެވަނަ ރާޅެއް ކަމަށް ބުނުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން ކޯވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެޕްރީލް 30 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 178 މީހުން ޕޮޒިޓިވްވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 3,506 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ 15 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 2,547 މީހުންނެވެ. އަދި ފަރުވާ ދޭ މީހުންގެ އަދަދު ވަނީ 929 އަށް އިތުރުވެފަ އެވެ.