މިދުވަސް ވަރަކީ އާންމު ރައްޔިތުންނާއި، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރު ވަމުންދާ ދުވަސް ވަރަކަށް ވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރި ވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަން ދީގެން ހަރަކާތްތެރި ވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިގޮތަށް އިލްތިމާސް ކުރީ، ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ނެރެފައިވާ އިއުލާން ނަންބަރު 2020/50 ގައި މާލެ ސަރަހައްދުގައި އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން 2020 އޯގަސްޓް 7 ވަނަ ދުވަހާ ހަމައަށް ހުއްޓާލުމަށް އަންގާފައި ވާހިނދު، އެ އެންގުމާއި ޚިލާފަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާތީ، އެކަން ފާހަގަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއް ގައެވެ.

Ad
rt

އެ ބަޔާނުގައި ފުލުހުން ބުނީ، އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި،
މީހުން މާސްކު ވެސް ނާޅައި އެއްވުންތައް ކުރިއަށް ގެންދާކަން ވަނީ ފާހަގަ ކުރެވިފައި ވާކަމަށެވެ.

"މި ވަގުތަކީ ކޯވިޑް-19 އަށް ދިވެހިރާއްޖެއިން މީހުން ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއި، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންވެސް ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ޞިއްޚީީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް މި ސަރވިސްއިން އިލްތިމާސްކޮށް ހަނދުމަ ކޮށްދެމެވެ. އަދި، ޤާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރެއްވުމަށް މިސަރވިސްއިން އިލްތިމާސްކުރަމެވެ."

އެ ބަޔާނުގައި ފުލުހުން ބުނެފައި ވެއެވެ.

"އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާތަކުގެ ބޭފުޅުންވެސް، އެޗްޕީއޭގެ ގައިޑްލައިން ތަކާ އެއްގޮތް ވާނޭގޮތަށް، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި، ހުރިހާ ބޭފުޅުން ވެސް މާސްކު އަޅުއްވައިގެން ހަރަކާތްތެރި ވުމަށް އިލްތިމާސް ކުރަމެވެ. އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ބޭފުޅުން ގާނޫނު ނަންބަރު 2013/1 "ސުލްހަވެރި ކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އިން ބާރުލިބިގެން ހަދާފައިވާ "އެއްވުމާގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސް ކޮމިޝަނުން ދޫކުރާ ފާސް، އަބަދުވެސް ފެންނަން ހުންނާނޭ ގޮތަށް އަޅުއްވައިގެން ހަރަކާތްތެރި ވުމަށް ވެސް
އިލްތިމާސްކުރަމެވެ."

އެ ބަޔާނުގައި ފުލުހުން އިތުރަށް ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެއްވުންތައް ކަވަރު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު
ފަހިކޮށްދިނުމުގެ ގޮތުން އެއްވުންތައް ހިނގަމުންދާ ސަރަހައްދު ތަކުގައި ޕޮލިސް މީޑިއާގެ ފަރާތުން އޮފިޝަލުން ހަރަކާތެރިވަމުން ދާނެ ކަމަށާއި، އެއްވުންތައް ކަވަރު ކުރުމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ފޯރުކޮށް ދެމުން ދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ފުލުހުން މި މޭރުމުން އިލްތިމާސްކޮށްފައި ވާއިރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ މާލޭގެ މަގުތަކުގައި "އެންމެން އެއް އަޑަކުން " ނަމުގައި މުޒާ ހަރާތަކެއް ފަށައި ފައެވެ.