އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ދިވެހިރާއްޖެއަށް ހަދިޔާ ކުރައްވައިފިއެވެ.
މިތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޑޭވިޑް ހޮލީ އާއި ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިން އެވެ. ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ ސްރީލަންކާގައި އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، އަލްފާޟިލް އުމަރު ޢަބްދުއްރައްޒާޤު އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު، ލެފްޓިނެންޓް ކާނަލް އިސްމާޢީލް ނަޞީރެވެ.
މިރަސްމިއްޔާތުގައި ދިވެހިރާއްޖެއަކީ އޮސްޓްރޭލިއާގެ ޒަމާންވީ ރަޙުމަތްތެރިއެއްކަމާއި، ކޯވިޑް-19 އާއިގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތަކަށް ޙައްލުހޯދައިދިނުމުގައި ރާއްޖެއާއެކު ދެމިތިބޭނެކަމާއި، އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފޮރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތައް ބޭނުންކުރުމަށް މިފަދަ އެހީއެއް ދެވުނުކަމަށްޓަކައި އުފާކުރައްވާކަމަށް ހައިކޮމިޝަނަރު ޑޭވިޑް ހޮލީ ފާހަގަކުރެއްވިއެވެ.
އޮސްޓްރޭލިއާގެ ފަރާތުން ދިވެހިރާއްޖެއާއި ދެމެދުގައިވާ ބަހައްޓަވާ ގާތްގުޅުމަށާއި އަދި ކޯވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް މިދެއްވި ދީލަތި އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ޢުމަރު ޢަބްދުއްރައްޒާޤު ދިވެހިސަރުކާރުގެ ނަމުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާ އަށާއި އަދި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރެވުނު ޖުމްލަ 120,000 އެމެރިކާ ޑޮލަރުގެ އަގުހުރި ޕީ.ޕީ.އީގެ ތެރޭގައި، ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމުގައިވާ އަންސެލް އިން އުފައްދާފައިވާ ފެންވަރު ރަނގަޅު 12000 އޯވަރއޯލް އާއި 200,000 އަންގި ހިމެނެއެވެ. މިތަކެތީގެ ސަބަބުން ކޮވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް ލިބޭނެ އިތުރު ލުއިފަސޭހައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!