ރ. ރަސްމާދޫ ބަނދަރުގެެ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިންތައްޔާރު ވެއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި 26 ޖުލައި 2020 ގައި ރަސްމާދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މޮބިލައިޒް ވެފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓަށް ހުއްދަ ލިބުނީ ޖުލައި 16 ގައި ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

Ad
rt

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 377 މީޓަރުގެ ބޭރު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، ދެ ނެރުބައްތި ހަރުކުރުމާއި، 600 ސްކެއާ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، 8500 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި އަދި 500 ކިއުބިކް މީޓަރު ނެރު ފުންކުރުން ހިމެނެ އެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 19 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީ އިން ވަނީ އެ ކުންފުނިން ކުރަމުން ދިޔަ ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލި ކަން މިއަދު ހާމަ ކޮށްފައެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫއެއް ފަށައި، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ވަނީ މިހާރު ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ގޮތުން މިއަހަރު ތެރޭގައި 17 ރަށުގައި 19 މަޝްރޫޢު ނިންމާފައި ވާކަމަށް އެމްޓީސީސީއިން ވަނީ ބުނެ ފައެވެ. އަދި މި ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ 2 މަޝްރޫޢުއާއި އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއެއް ވަނީ ނިމިފައި ވާކަމަށާއި، އަދި މިހަފްތާ ތެރޭގައިވެސް އިތުރު ދެ މަޝްރޫޢުއެއް ނިންމައި ހަވާލުކުރުމަށް އެ ކުންފުނިން މެދު ނުކެނޑި މަސައްކަތް ކުރަމުން ދާކަމަށް ވެސް އެމްޓީސީސީ އިން ހާމަ ކުރަށްވައެވެ.