ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމާ ލައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވާ، އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ މަސައްކަތް 26 ޖުލައި 2020 ގައި ނިއްމާލެވިފައި ވާކަމަށެވެ.

Ad
rt

މި މަޝްރޫޢުއަކީ ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައި ވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ފޮއްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ 5 ބޭގް އެތުރިފައި ވާކަމަށާއި، މީގެ އިތުރުން 5،000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކުރެވިފައި ވާކަމަށް އެމްޓީސީސީއިން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 25 ފެބްރުއައީ 2020 ގައެވެ.

ފޮއްދޫ ބަނދަރު ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާފައި، ފޮޓޯ: އެމްޓީސީސީ

މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 07 މާޗް 2020 ގައެވެ. އަދި މި މަޝްރޫޢުއަށް 7.6 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫއެއް ފަށައި، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ވަނީ މިހާރު ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ގޮތުން މިއަހަރު ތެރޭގައި 17 ރަށުގައި 19 މަޝްރޫޢު ނިންމާފައި ވާކަމަށް އެމްޓީސީސީއިން ވަނީ ބުނެ ފައެވެ. އަދި މި ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ 2 މަޝްރޫޢުއާއި އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއެއް ވަނީ ނިމިފައި ވާކަމަށާއި، އަދި މިހަފްތާ ތެރޭގައިވެސް އިތުރު ދެ މަޝްރޫޢުއެއް ނިންމައި ހަވާލުކުރުމަށް އެ ކުންފުނިން މެދު ނުކެނޑި މަސައްކަތް ކުރަމުން ދާކަމަށް ވެސް އެމްޓީސީސީ އިން ހާމަ ކުރަށްވައެވެ.