މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މަތިއުތުރު ޑިވިޝަންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތި ނަޝްވާ އައްޔަން ކުރައްވާފައިވާ ކަމަށެވެ. ނަޝްވާ ކުރިން ހުންނެވީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބުލިކް އެފެއާޒްގެ ހެޑަކަށެވެ.
މަތި އުތުރު ޑިވިޝަން ކޮމާންޑްގައި ހިމެނޭ އަތޮޅު ތަކަކީ ހއ. ހދ އަދި ށ އަތޮޅެވެ. މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަލީ ފާއިޒެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތި ނަޝްވާ އަކީ ކޮމާންޑަރަކަށް އައްޔަން ކުރި ދެވަނަ އަންހެން ބޭފުޅާ ކަމަށް ވެސް ފުލުހުން ވަނީ ބުނެ ފައެވެ. އެންމެ ފުރަތަމަ ފުލުހުންގެ ޑިވިޝަން ކޮމާންޑަރ އަކަށް އައްޔަން ކުރައްވާފައިވާ އަންހެން ކަނބަލަކީ އިޒްމިއާ ޒާހިރުއެވެ. އޭނާ ހުންނެވީ ނ،ރ،ބ،ޅ އަތޮޅުގެ ޑިވިޝަންގެ ކޮމާންޑަރަކަށެވެ.

މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އަންހެން ބޭފުޅަކު ހަމަޖެއްސެވިއިރު ހދ. އަތޮޅު ކޮމާންޑަރުގެ މަގާމުގައިވެސް މިވަގުތު ހުންނެވީ އަންހެން ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!