ޤައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ވެސް އިތުރު 200 ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ފުރުވާލާފައިވާ ކަމަށެވެ.

Ad
rt

ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށުމާއިއެކު އެ ބަލި އެންމެ ބާރަށް ފެތުރިފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިންގެ މެދުގައެވެ. އެ ހިސާބުން ފެށިގެން ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅާފައިވެއެވެ. މިގޮތުން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު މޯލްޑިވިއަން އިން އަންނަނީ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުންނާއި އަދި އެނބުރި ޤައުމަށް ދާން ބޭނުން މީހުން ހޯދައި އެ ޤައުމަށް ފޮނުވަމުންނެވެ.

މި ލޮކްޑައުން ތެރޭގައި ރާއްޖޭގައި ލިޔެކިއުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 4205 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. މިއާއި އެކު ކޮވިޑާ ގުޅިގެން ސަރުކާރުން ފެށި ވޮލުންޓަރީ ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ތެރެއިން އަނބުރާ ގައުމަށް ފޮނުވާލެވުނު ބިދޭސީންގެ ޖުމްލަ އަދަދު ވަނީ 14،000 ގާތްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓަރ ވަނީ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް ވިދާޅުވެފައެވެ. އަދި އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއި ފަސޭހަ ގޮތްތަކެއް ހުޅުވާލާފައެވެ.