ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަތަކާއި ވަރަށް އެކަހެރިކޮށް، އަދި ރާއްޖޭގެ އެންމެ ހުޅަނގުގައި އޮންނަ ރަށަކީ ހދ.މަކުނުދޫއެވެ. މި ރަށަށް މާމަކުނުދޫ އޭ ވެސް ކިޔާ އުޅެއެވެ. ޖޯގްރަފީގޮތުން ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު މި ސަރަހައްދު ފާހަގަ ކުރެވެނީ މުޅިން ވަކި އަތޮޅެއްގެ ގޮތުގައެވެ.
ފަޙުރުވެރި މިނިވަންދުވަހުގެ ތަޙުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުމަށްޓަކައި މަކުނުދޫއަށް އުފަން މުޙައްމަދު ވާސިފް ތައްޔާރުކޮށް ހުށައަޅާފައިވާ ވީޑިއޯ އަކީ މަކުނުދޫގެ ރީތިކަން ދައްކުވައިދޭ ވީޑީއޯއެކެވެ. މިނިވަން ދުވަހުގެ އިޙްސާސްތައް ގެނުވާ ރާގަކާއިއެކު ގައުމީ ވަންތަ ގޮތަކަށް މަކުނުދޫގެ 2 ކުދިން، މަކުނުދޫގެ ޗާލު ދޮންވެލި ގޮނޑުދޮށުގައި ދިވެހި ދިދަ ހިފައިގެން ދުވެލާ މަންޒަރު ވެގެން ގޮސްފައިވަނީ ގިނަބަޔެއްގެ ސަމާލުކަން ގެނުވި ވީޑިއޯއަކަށެވެ.

މަކުނުދޫ މަދަރުސާގައި ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ވާސިފް އަންނަނީ މަކުނުދޫގެ ރީތިކަން ދައްކުވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. "ވާސިފުޓޯސްގެ" ނަމުގައި ވާސިފް ހިންގަމުން އަންނަ ފޭސްބުކް ޕޭޖް، އިންސްޓަރގުރާމް އަދި ޔޫޓިއުބް ޗެނަލްއިން އަންނީ މަކުނުދޫގެ ޗާލުކަން ދައްކުވައިދެމުންނެވެ. މާކަނޑުން މަކުނުދޫގެ ގޮނޑުދޮށްތަކަށް ބިންދަމުންދާ ރާޅުތަކާއި ކިރު ދޫނިތަށް ޖައްވުގެ ތެރޭ މިނިވަންކަމާއިއެކު އުދުހިލާ މަންޒަރު ވަރަށް ރީތިކޮން މަތިން ދައްކުވައިދީފައިވެއެވެ.
މިވީޑިއޯގެ އިތުރުންވެސް ވާސިފް އަންނަނީ މަކުނުދޫއާއި މަކުނުދޫ އަތޮޅުގައި ހިމެނޭ ރަށްރަށުގެ ރީތިކަން ދައްކުވައިދެމުންނެވެ. ހޮބީއެއްގެ ގޮތުން ފޮޓޯނަގަމުން އަންނަ ވާސިފް މިމަސައްކަތާއި ގުޅޭގޮތުން ބުނެފައިވަނީ މިއީ ރަށުގެ ރީތިކަން ރާއްޖެއާއި ދުނިޔެއަށް ދައްކާލުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.
ރަށް އުފެދިފައި އޮންނަގޮތުން ރަށަކީ އެކަހެރި ރަށެއް. އެ އެކަހެރިކަން ކުޑަކޮށް ރާއްޖެއަށް އަދި ދުނިޔެ އަށް ފަސޭހައިން ދައްކާލާ ރަށަށް މީހުން ޒިޔާރަތް ކުރުމަށް ޝައުގުވެރިކަން އުފެއްދުން މިކަމުގެ ބޭނުމަކީ
ވާސިފް ބުނެފައިވެއެވެ.
މަކުނުދޫއަކީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ރާއްޖޭގެ ތާރީޚާ ގުޅިފައިވާ މުހިންމު އާޘާރީ ބިނާތަކެއް އެ ރަށުގައިވެއެވެ. ރަށުގެ ހުކުރު މިސްކިތަކީ އިހުޒަމާނުގެ ލިޔެލާޖެހުމުގެ މަސައްކަތް ފެންނަންހުރި ތަނެކެވެ. މީގެއިތުރުން، އިހުޒަމާނުގައި މިރަށުގެ ފަރަށް ބޭރުގެ ބޯޓުފަހަރު އަރާފައިވާކަން ތާރީޚީ ލިޔެކިޔުންތަކުން ފެންނަން އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!